ހަބަރު

"އީސީއިން ކޮންގްރަސް ޕާޓީއަކާ މެދު ޒާތީއެއް ނުވާނެ"

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާ މެދު ތަފާތުކޮށް އަމަލު ކުރާނެ ކަމަކަށް ގަބޫލު ނުކުރާ ކަމަށް އެ ޕާޓީ އުފެއްދުމަށް ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ކޮންގްރަސް ޕާޓީ އުފެއްދުމަށް އީސީއަށް މިދިޔަ ބުދަ ދުވަހު ހުށަހެޅުމާއެކު އެ ފަރާތްތަކުން ބައެއް ވަގު ފޯމްތަކެއް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން ކޮންގްރަސް ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީގެ ފަރާތުން އީސީގެ މެންބަރުންނާ ބައްދަލުކޮށްފައިވާ ކަމަށާއި ކޮންގްރަސް ޕާޓީ އިން ހުށަހެޅި 4000 ފޯމް ބަލައިގަތުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށެވެ. އަދި ވަގު ފޯމެއް ހުށަހަޅާފައިވާ މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި ނަމަވެސް ރަނގަޅަށް ފިންގާ ޕްރިންޓު ނޭރުން ފަދަ ބައެއް ކުދި ކުދިން މައްސަލަތައް ދިމާވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް ގަބޫލު ކުރަން 4000 ފޯމް ހުށަހަޅާއިރު އޭގެ ތެރެއިން ބައެއް ފޯމް ހުންނާނެ ރިޖެކްޓް ކުރަން ޖެހޭ، އެއީ މީގެ ކުރިން ވެސް މިކަން ހިނގާފައި ހުރި ގޮތުން، ހާއްސަ ގޮތެއްގައި ފޯމް ފުރައިގެން އަންނަ އިރު ފިންގާ ޕްރިންޓުގައި މައްސަލަ ހުރުމާއި އަދި އެ ނޫން މައްސަލަތައް ހުރުން އެއީ އެކަށީގެންވާ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕާޓީ ރަޖިސްޓްރީ ނުކޮށްދިނުމަށް އީސީއަށް އެއްވެސް ޕްރެޝަރެއް ނާންނަ ކަމުގެ ޔަގީންކަން އެ ކޮމިޝަންގެ މެންބަރުން ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އީސީ އިން ކޮންގްރަސް ޕާޓީއާ މެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަކަށް ވެސް ގަބޫލު ނުކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ކޮމިޝަނުން ވިދާޅުވި އެއްވެސް ހުރަހެއް ނެތޭ މައްސަލައެއް ދިމާވެއްޖެއާ ތިމަންނަމެންނަށް ގުޅަން، އަދި މަޝްވަރާކޮށްގެން ހައްލު ނުކުރެވޭ ވަރުގެ އެއްވެސް ކަމެއް ދިމާ ނުވާނެއޭ، އެހެންވެ އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް ކޮންގްރަސް ޕާޓީއާ ދޭތެރޭ އިލެކްޝަންސް ކޮމިޝަނުން ޒާތީ ގޮތެއް ނުގެންގުޅުއްވާނެކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕާޓީ ރަޖިސްޓާ ކުރުމުގެ މަސައްކަތް ލަސްވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމަށްޓަކައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ނަމަވެސް ފޯމްތަކުގެ ސައްހަކަން ބެލުމަށް ފަހު މި ހަފްތާގެ ތެރޭގައި ޕާޓީ ރަޖިސްޓާ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.