ބޮލީވުޑް

"ރާމް-ލަކަން" ރީމޭކްގައި ވަރުން އާއި ސިދާތްބާ؟

Jun 28, 2015

ދެހާސް ބާރަ ވަނަ އަހަރު ނިކުތް ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި ވަރުން ދަވަން އާއި ސިދާތް މަލްހޯތުރާ އަކީ މިވަގުތު ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަ ޖަހަމުން އަންނަ ދެތަރިންނެވެ.

މަޝްހޫރު ބޮޑެތި ޑައިރެކްޓަރުން މި ދެތަރިންނާއިއެކު މަސައްކަތްކުރަން ޝައުގުވެރިކަން ފާޅުކުރަމުން އަންނައިރު، މި ދެ ތަރިން ވެސް އަންނަނީ ނަން މަޝްހޫރު ބޮޑެތި ޑައިރެކްޓަރުންގެ ފިލްމުތަކުން ޖާގަ ހޯދަމުންނެވެ.

އެގޮތުން 1989 އަހަރު ނިކުތް ބްލޮކްބާސްޓާ ފިލްމު "ރާމް ލަކަން"ގެ ރީމޭކް އެއް އުފެއްދުމަށް ނިންމާފައިވާކަން ޑައިރެކްޓަރު ރޯހިތް ޝެޓީ އާއި ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ މިދިޔަ އަހަރުގެ ތެރޭގައި އިއުލާންކޮށްފަ އެވެ.

“ރާމް ލަކަން"ގެ ލީޑް ރޯލުން ކުޅުމަށް އަދި ތަރިން ހަމަޖައްސާފައި ނުވި ނަމަވެސް ޑައިރެކްޓަރު ރޯހުތްގެ ޓޮޕް ޗޮއިސް އަކީ ވަރުން އާއި ސިދާތް ކަމަށް ވެ އެވެ. އެގޮތުން ސިދާތް ކުޅުމަށް ހަމަޖެހިފައިވަނީ ޖެކީ ޝްރޮފް ކުޅެފައިވާ ރާމްގެ ބައިކަމަށާއި އަދި ވަރުން ކުޅުމަށް ހަމަޖެހިފައިވަނީ އަނިލް ކަޕޫރު ކުޅެފައިވާ ލަކަންގެ ރޯލުކަމަށް ވެސް ވެ އެވެ.

މި ފިލްމު ޕްރޮޑިއުސް ވެސް ކުރުމަށް ހަމަޖެހިފައިވަނީ ވަރުން އާއި ސިދާތް ބޮލީވުޑަށް ތައާރަފުކުރި ޑައިރެކްޓަރު ކަރަން ޖޯހަރު އެވެ.

ވަރުން އާއި ސިދާތް އެކުގައި ކުރީގެ މަޝްހޫރު ފިލްމެއްގެ ރިމޭކްއިން ފެނިގެންދާތީ އެކަމާ މިދެތަރިންގެ ފޭނުން އުފާކުރަމުން އަންނައިރު، "ރާމް ލަކަން" ގެ ލީޑްރޯލުން ލަކަންގެ ރޯލުން އެތައް ބައެއްގެ ހިތްތަށް އަތުލި އަނިލް ކަޕޫރު ވަނީ ކުރީގެ ކާމިޔާބު ފިލްމުތަކުގެ ރިމޭކް މިފަހަކަށް އައިސް އުފައްދަނީ ކޮންމެހެން މޮޅު ފިލްމުތަކެއް އުފެއްދުމުގެ ބޭނުމެއްގައި ނޫން ކަމަށެވެ. އެފަދަ ފިލްމުތައް އުފައްދަނީ މާލީ ފައިދާތަކެއް ހޯދުމަށް ކަމަށް ދާދިފަހުން ބުނެފަ އެވެ.

އެހެންނަމަވެސް، މިފިލްމަކީ މޮޅު ފިލްމަކަށް ހަދަން ރޯހިތް އާއި ކަރަން މަސައްކަތްކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އަނިލް ވަނީ ބުނެފަ އެވެ.

ބުނެވޭގޮތުގައި އަނިލް ކަޕޫރު ބޭނުންވަނީ އޭނާ އާއިއެކު "ދިލް ދަޅަކްނޭ ދޯ" ގައި ހަރަކާތްތެރިވި އެކްޓަރު ރަންވީރު ސިންގް ލަކަންގެ ރޯލު ކުޅުމަށެވެ. ނަމަވެސް ފިލްމުގައި ހިމަނާނެ ތަރިން ނިންމާނީ ޑައިރެކްޓަރު ކަމަށް އަނިލް ވަނީ ބުނެފަ އެވެ. އެގޮތުން ގިނަ ޑައިރެކްޓަރުންނެއް އަންނަނީ ފިލްމު މަޝްހޫރު ކުރަން ބޭނުންވާތީ ފިލްމުގެ ކެރެކްޓާތަކަށް އެންމެ އެކަށީގެންވާ ތަރިން ނުހިމަނާ މަޝްހޫރު ތަރިން ހިމަނަމުން ކަން އަނިލް ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ރިލީޒްކުރި "އޭބީސީޑީ 2” ގެ ކާމިޔާބީ އާއިއެކު ނަށަމުން އަންނަ ވަރުން މިހާރު އަންނަނީ ޑައިރެކްޓަރު ރޯހިތްގެ "ދިލްވާލޭ"ގެ މަންޒަރުތައް ނަގަމުންނެވެ. ޝާހްރުކް ޚާން އާއި ކާޖޮލްގެ އިތުރުން ކީރްތީ ސަނޮން އާއި ވިނޯދް ކަންނާގެ އިތުރުން މުހިންމު ރޯލުން ވަރުންވެސް މިފިލްމުގައި ފެނިގެންދާނެ އެވެ.

އޮގަސްޓް މަހުގެ 14ވަނަ ދުވަހު ރިލިޒްކުރުމަށް ހަމަޖެހިފައިވާ "ބްރަދާސް" އަށް ސިދާތް ތައްޔާރުވަމުން އަންނައިރު، މިވަގުތު އަންނަނީ ފަވަދް ޚާން އާއި އާލިއާ ބަޓް އާއިއެކު "ކަޕޫރު އެންޑް ސަންސް" ގެ މަންޒަރުތައް ކޫނޫރުގައި ނަގަމުންނެވެ.ސިދާތްގެ އިތުރުން އަކްޝޭ ކުމާރު އާއި ޖެކީ ޝްރޮފް އަދި ޖެކުއަލީން ފާނެންޑޭޒް ލީޑްރޯލުން ފެނިގެންދާ "ބްރަދާސް" ވެސް ޕްރޮޑިއުސްކޮށްފައިވަނީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަންސް އިންނެވެ.

މިފިލްމުގައި ރާމް އާއި ލަކަންގެ ރޯލުކުޅުމަށް ވަރުން އާއި ސިދާތް ހަމަޖައްސާކަމަށްވާނަމަ މިފިލްމަކީ "ސްޓޫޑެންޓް އޮފް ދަ އިޔާ" އަށްފަހު މިދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ.