ބޮލީވުޑް

ސަލްމާންގެ "ސުލްތާން" އަށް އަނުޝްކާވެސް ނޫނެކޭ ބުނީބާ؟

Jun 28, 2015

ސަލްމާން ޚާން ލީޑްރޯލު ކުޅޭ "ސުލްތާން" ގައި ސަލްމާން އާއިއެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއެއް އަދިވެސް ހަމަޖެހިފައިނުވާއިރު، އަންނަ އަހަރުގެ އީދުގައި ރިލީޒްކުރާނެކަން ޔާޝްރާޖް ފިލްސް އިން ވަނީ އިއުލާންކޮށްފަ އެވެ.

މިފިލްމުގައި ސަލްމާން އާއިއެކު ލީޑްރޯލު ކުޅުމަށް މިހާރު ބޮލީވުޑްގައި ނަން މަޝްހޫރު ގިނަ ބަތަލާއިންނަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ކަ ކުއީން ކަންގަނާ ރަނާވަތު ހަމަޖެއްސިކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް ކަންގަނާ ވަނީ "ސުލްތާން"ގެ ބަތަލާއަކީ އޭނާ ނޫންކަމަށް ބުނެފަ އެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ބަތަލާގެ ރޯލުކުޅޭނެ ތަރިއެއް ހޯދުމަށް މެދުކެނޑުމެއްނެތި ޔާޝްރާޖް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަންގަނާ މިރޯލު ކުޅުމަށް އެއްބަސް ނުވުމުން ވަނީ ޕަރިނީތީ ޗޯޕްޅާއަށް ހުށަހަޅާފަ އެވެ. ނަމަވެސް އޭގެފަހުން ވެސް މިފިލްމުގެ ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ ވަނީ ޔާޝްރާޖްގެ ކުޑައިގެ ދަށުން ބޮލީވުޑަށް އުފަންވި ބަތަލާ އަނުޝްކާ ޝަރްމާއަށް މިރޯލު ހުށަހަޅާފަ އެވެ.

މީގެކުރިންވެސް މިރޯލު ކުޅުމަށް އަނުޝްކާ އާއި ދިޕިކާ ޕަދުކޯން އަށް ހުށަހަޅާފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވާ ނަމަވެސް މިދެތަރިން ވަނީ "ސުލްތާން" ކުޅެން ހުށަހަޅާފައިނުވާ ކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް، "ސުލްތާން" ކުޅެން ވަގުތު ނެތް ކަމަށް ބުނެ އަނުޝްކާ ވެސް ސަލްމާން އާއިއެކު ލީޑްރޯލުން ފެނުމުގެ ފުރުސަތައް ނޫނެކޭ ބުނެފަ އެވެ.

ޔާޝްރާޖް އާއި ގާތްގުޅުމެއް އޮންނަ އަނުޝްކާ މިފުރުސަތު ދޫކޮށްލާފައިވަނީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އެއި ދިލް ހޭ މުޝްކިލް" އަށް މާކުރިން ވަގުތު ދީފައި އޮތުމުގެ ސަބަބުން، މިފިލްމަށް ވަގުތު ދެވެން ނެތްކަމަށް ބުނެ އެވެ..

މިއަހަރުގެ ފަހުކޮޅުގައި ކުރިން ޝޫޓިން ފެށުމަށް ނިންމާފައި އޮތް ނަމަވެސް ކަރަން ވަނީ ދާދިފަހުން މިފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެކަން އިއުލާންކޮށްފަ އެވެ. އެގޮތުން ފިލްމުގެ މަންޒަރުތައް ނަގާނެ ލޮކޭޝަންތައް މިހާރު ނިންމަމުން އަންނައިރު، ފިލްމުގައި ހަރަކާތްތެރިވާ ތަރިންވެސް އަންނަނީ ކުޅޭ ރޯލުތަކަށް ތައްޔާރުވުމުގެ މަސައްކަތްކުރަމުންނެވެ.

“އެއި ދިލް ހޭ މުޝްކިލް"ގެ ޝޫޓިން ނިމެންދެން އަނުޝްކާ އަށް "ސުލްތާން" އަށް ވަގުތު ދެވެން ނުތުމުން ބެލެވޭގޮތުގައި ދެން މިރޯލު ޔާޝްރާޖް އިން ދޭނެކަމަށް އެންމެ ބޮޑަށް ލަފާކުރެވެނީ މިދިޔަ އަހަރު ނިކުތް ފިލްމް "ހީރޯޕަންތީ" އިން ވިދާލި ކީރްތީ ސަނޮން ނުވަތަ "”ޝުދް ދޭސީ ރޮމޭންސް" އިން ބޮލީވުޑަށް ތައާރަފުވި ވާނީ ކަޕޫރަށެވެ.

ކީރްތީ މިވަގުތު އަންނަނީ މައަހަރުގެ ޑިސެމްބަރު 18ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ރޯހިތް ޝެޓީގެ "ދިލްވާލޭ"ގެ މަންޒަރުތައް ނަގަމުންނެވެ.

އައްބާސް އަލީ ޑައިރެކްޓްކުރާ މިފިލްމުގައި ސަލްމާން ޚާން ބޮކްސިން ތަޅާ މީހެއްގެ ރޯލުކުޅުމަށް ހަމަޖެހިފައިވާ މިފިލްމުގެ ބަތަލާވެސް ސަލްމާން އެކޭ އެއްގޮތަށް ކުޅޭނީ ބޮކްސިން ތަޅާ މީހެއްގެ ރޯލެވެ.

ސުޕަސްޓާ އާމިރް ޚާން ވެސް ރެސްލިން ތަޅާމީހެއްގެ ރޯލުން ފެނިގެންދާ ފިލްމު "ޑަންގާލް" އަންނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، މިފިލްމުގެ ޝޫޓިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ އެވެ.

"ސުލްތާން ސަލްމާން އަށްވެސް އަދި ޔާޝް ރާޖް ފިލްމްސް އަށްވެސް މުހިންމު ފިލްމެކެވެ. މިއީ ސަލްމާން ޔާޝް ރާޖްގެ ބެނާސްގެ ދަށުން ކުޅޭ ދެވަނަ ފިލްމަށް ވާއިރު، އެންމެ ފުރަތަމަ ކުޅުނު ފިލްމު "އޭކް ތަ ޓައިގާ" އަށް ބޮޑު ކާމިޔާބީއެއް ލިބި ބޮލޮކްބާސްޓާއެއްގެ ދަރަގަ ލިބިފަިއވާއިރު، ޔާޝް ރާޖް އިން މިފިލްމާއި މެދު ކުރާ އުންމީދު ބޮޑެވެ.

އަންނަ އަހަރުގެ އެންމެ ބޮޑު ކުރިމަތިލުމަށް ވާނެކަމަށް މިހާރުވެސް ގިނަ ބަޔަކު ގަބޫލުކުރަމުން އަންނަ މިފިލްމަށް ބަތަލާއަކު ހަމަޖެހޭނެ އިރެއްގެ އިންތިޒާރުގައި ޔާޝްރާޖް އިން ތިބީ ކެތްތެރިކަމެއްނެތި އެވެ.

"ސުލްތާން" ރިލީޒްކުރާ ދުވަސް އިއުލާންކުރުން