ދުނިޔެ

މެސެޑޯނިއާގެ ނަން ބަދަލުކުރާތީ ގްރީސްގެ ސަރުކާރު ރޫޅިއްޖެ

Jan 14, 2019
1

އެތެންސް (ޖެނުއަރީ 13) - މެސެޑޯނިއާގެ ނަން ބަދަލުކުރުމުގެ އެއްބަސްވުމާއި ހިޔާލުތަފާތުވެ، ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް ގެ އިސް ވަޒީރަކު އިސްތިއުފާ ދެއްވުމުން، ޕާލިމަންޓްގެ މެޖޯރިޓީ ގެއްލި ސަރުކާރު ރޫޅިއްޖެ އެވެ.

އެކަމާއި ގުޅިގެން، ސަރުކާރަށް އިތުބާރު އޮތް ކަމުގެ ވޯޓެއް ނަގަން ސިޕްރާސް އިސްވެ ވަނީ ހުށަހަޅުއްވައިފަ އެވެ.

މެސެޑޯނިއާގެ ނަން، ރިޕަބްލިކް އޮފް ނޮދާން މެސެޑޯނިއާއަށް ބަދަލުކުރަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އެ ގައުމުގެ ޕާލިމަންޓުން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ނަން ބަދަލުކުރުމަކީ، އަވަށްޓެރި ގްރީސް އާއެކު ޒަމާނުއްސުރެ އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ދެ ފަރާތުން އެއްބަސްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އޭގެ ބަދަލުގައި، މެސެޑޯނިއާ ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަން އާއި ގުޅުމަށް ހުރަސްއެޅުން ގްރީސް އިން ހުއްޓާލާނެ އެވެ.

ނަމަވެސް، އިތުބާރު އޮތްކަމަށް ފާސްކުރުމަށް ސިޕްރާސްގެ ވެރިކަންކުރާ ޕާޓީއަށް އަދި ހަ ވޯޓު މަދުވެ އެވެ.

ބުދަ ދުވަހު ތާވަލުކޮށްފައިވާ އިތުބާރުގެ މައްސަލަ ކޮންމެވެސް ގޮތަކުން ސިޕްރާސްއަށް ކާމިޔާބުވެއްޖެ ނަމަ، މެސެޑޯނިއާ އާއެކު ވެފައިވާ އެއްބަސްވުން ވެސް އެ އަދަދުން ފާސްކުރާނެކަމަށް ބެލެވެ އެވެ.

ޔޫގޮސްލާވިއާއިން ވަކިވެގެން، 1991 އަހަރު މެސެޑޯނިއާ އިން މިނިވަންކަން އިއުލާނުކުރުމުން، ހަމަ އެނަމުގެ ސަރަހައްދެއް އޮންނަ ގްރީސް އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.