ދުނިޔެ

ގްރީސް އަށް އިތުރު އެހީ ދޭން ދެކޮޅު ހެދުމާއެކު ދަރަނިވެރިވުމުގެ ބިރު!

Jun 28, 2015

ބޭރުގެ ފަރާތްތަކުން ގްރީސް އަށް ދެމުންދާ އެހީގެ މުއްދަތު އިތުރު ނުކުރަން ނިންމުމާ އެކު، އެ ގައުމު ދަރަނިވެރިވެ، ޔޫރޯ ބޭނުންކުރުން ހުއްޓާލަން މަޖުބޫރު ވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ދަރަނި ބޮޑުވެ، އިގްތިސާދީ ގިނަ މައްސަލަތަކެއްގެ ތެރޭގައި އޮތް ގްރީސް އަށް ދޭ އެހީގެ ޕްރޮގްރާމްގެ މުއްދަތު ފަސް މަސްދުވަހަށް އިތުރުކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ އާ ސަރުކާރާއި އެހީ ދޭ ބައިނަލްއަގުވާމީ ފަރާތްތަކާ ދެމެދު ހޫނު މަޝްވަރާތަކެއް ކުރަމުންދާތާ ފަސް މަސްދުވަސް ވަނީ ވެފަ އެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި އިއްޔެ ނިންމާލައި، މި މަހުގެ ނިޔަލަށް މުއްދަތު ހަމަވާ އެހީގެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފަ އެވެ.

އެ ގޮތަށް ނިންމީ، މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމާ މެދު ގްރީސްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް އިއްޔެ ހުށަހެޅުއްވުމުންނެވެ. އަންނަ މަހުގެ ފަހެއްގައި ނަގަން ނިންމާފައިވާ އެ ވޯޓަށް ގްރީސްގެ ގާނޫނު ހަދާ މަޖިލީހުން ވެސް ވަނީ މިއަދު ރުހުން ދީފަ އެވެ.

އެހެން ނަމަވެސް، އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ޔޫރަޕްގެ އިއްތިހާދު (އީޔޫ) އާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީ)ން ދެކޮޅު ހެދީ އެ ފަރާތްތަކުން ގްރީސް އަށް ކުރިމަތިކުރާ ބައެއް ޝަރުތުތަކަށް ދޫ ދޭން، ޖެނުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމަށް އައި ވާތު ފިޔައިގެ ސަރުކާރުން ބޭނުން ނުވުމުންނެވެ. އޭގެ ތެރޭގައި ބަޖެޓުން ފައިސާ އުނިކުރުމާއި ޕެންޝަން ކުޑަކޮށް، ޖީއެސްޓީ ބޮޑުކުރުމުގެ އިތުރަށް އާއްމުންނަށް ދެމުންދާ ބައެއް ކަހަލަ މާލީ އިނާޔަތްތައް ހުއްޓާލުން ހިމެނެ އެވެ.

ގްރީސް އަށް ފައިސާ ލިބެމުން ދިޔަ ހަމައެކަނި ގޮތް ބަންދުވާން ކައިރިވެފައި ވާއިރު، އަންނަ އަންގާރަ ދުވަހުގެ ކުރިން ގްރީސް އިން 1.7 ބިލިއަން ޑޮލަރު އައިއެމްއެފް އަށް އަނބުރާ ދައްކަންޖެހެ އެވެ. އެ އަދަދު ދައްކާނެ ފައިސާ އެއްކުރާނެ ގޮތަކާ މެދު ޝައްކު އުފެދިފައި ވާއިރު، އެ ފައިސާ ނުދައްކައިފި ނަމަ އެ ގައުމު ދަރަނިވެރިވާނެ އެވެ.

އެއިރުން ގްރީސް އިން ޔޫރޯ ބޭނުން ކުރުން ހުއްޓާލަން މަޖުބޫރުވުމުގެ ފުރުސަތު އެބައޮތެވެ. އެހެން ވެއްޖެ ނަމަ، ގްރީސް އަށް ޖެހޭނީ އަމިއްލަ ފައިސާއެއް ޖަހާށެވެ. އެކަމަކު، އެ ހާލަތަށް ހިނގައްޖެ ނަމަ ގްރީސްގެ އިގްތިސާދު މެނޭޖްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. އަދި އެފަދަ ހާލަތެއްގައި މުޅި ޔޫރޯޒޯނަށް ކުރާނެ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

މީގެ އިތުރުން، ގްރީސްގެ ބޭންކްތަކަށް އީސީބީން މިހާރު ފޯރުކޮށް ދެމުންދާ އިމަޖެންސީ އެހީތެރިކަން ވެސް ހުއްޓާލުމުގެ ފުރުސަތު އެބައޮތެވެ. ގްރީސްގެ ބޭންކްތަކުން ފައިސާ ދޫކުރުން ހުއްޓާލާނެ ކަމުގެ ބިރަށް، އެ ގައުމުގެ ބޭންކްތަކުގައި ވަނީ ފައިސާ ނެގުމަށް ދިގު ކިއޫތައް ހަދާފަ އެވެ.

ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. ޔޫރަޕިއަން ޔޫނިއަން މެދުވެރިވެގެން، ޔޫރަޕިއަން ސެންޓްރަލް ބޭންކާއި ޔޫރަޕިއަން ކޮމިޝަން އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އިގްތިސާދީ މައްސަލަތަކެއް ގްރީސްގައި އުފެދެން ޖެހުނީ އެތައް އަހަރެއް ވަންދެން ސަރުކާރުގެ ހޭދަ މަތިވެ، ގައުމުގެ ދަރަނި ބޮޑުވުމުންނެވެ. އެ ކަމުގެ ސަބަބުން ގައުމު ދަރަނިވެރިވާ އަތަށް އެޅުމުން، ގްރީސް އިން ބޭރުގެ އެހީ އަށް އެދުނީ އެވެ. އެ ކަމާ ގުޅިގެން، އައިއެމްއެފާއި އީސީބީ އަދި ޖަރުމަން ފަދަ އީޔޫގެ ބައެއް ގައުމުތަކުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.