ދުނިޔެ

ފަރުވާ ކުޑަކުރާ މުވައްޒަފުން ވަކިކުރަން ޗައިނާ އިން ނިންމައިފި

Jun 28, 2015

މަސައްކަތަށް ފަރުވާ ކުޑަކުރާ މުވައްޒަފުން ޑީމޯޓްކުރުމަށް ނުވަތަ ވަޒީފާ އިން ވަކިކުރުމަށް ޗައިނާ ސަރުކާރުން ނިންމައިފި އެވެ.

ޗައިނާގެ ގައުމީ ނޫސް އެޖެންސީ، ޒިންހުއާ އިން އިއްޔެ ބުނި ގޮތުގައި އެ ގޮތަށް ނިންމާފައި ވަނީ ޗައިނާގައި ފަހު ބަސް ބުނުމުގެ ބާރު އޮންނަ ކޮމިޓީން މިިދިޔަ ހުކުރު ދުވަހު ބޭއްވި ހާއްސަ ބައްދަލުވުމެއްގަ އެވެ. ރައީސް ޝީ ޖިންޕިންގް ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާ އިން ފާސްކޮށްފައި ވަނީ، އެ އެޖެންސީން ބުނި ގޮތުގައި، އާ ގަވާއިދު އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ ތަންފީޒުކުރާށެވެ.

އާ ގަވާއިދުގައިވާ ގޮތުން ކޮމިއުނިސްޓް ޕާޓީގެ އުސޫލުތަކާ ހިލާފުވާ މުވައްޒަފުންގެ އިތުރަށް، މަސައްކަތަށް ފަރުވާ ކުޑަކުރާ ނޫނީ ގާބިލްކަމެއް ނެތް މުވައްޒަފުންނާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުންނާ ދެކޮޅަށް "އިދާރީ ފިޔަވަޅު" އެޅޭނެ އެވެ. އޭގެ މާނަ އަކީ އެ މުވައްޒަފަކު ޑީމޯޓްކުރުމަށް ނުވަތަ ވަޒީފާ އިން ވަކިކުރުން ކަމަށް، ސަރުކާރުން ހިންގާ ޗައިނާ ޑެއިލީ ނޫހުން ބުންޏެވެ.

ޗައިނާ ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅާފައި މި ވަނީ، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކޮރަޕްޝަނާ ދެކޮޅަށް ރައީސް ޝީ ހާއްސަ މަސައްކަތްތަކެއް ފައްޓަވާފައި ވަނިކޮށެވެ.

އެ ކޮރަޕްޝަނާ ދެކޮޅު ކެމްޕެއިންގައި މިހާތަނަށް ވަނީ ސަރުކާރާއި ކޮމިއުނިސްޓް ޕާޓީގައި އެއް އިރެއްގައި އެންމެ ބާރުގަދަ އެތައް އޮފިޝަލުންތަކެއް މަގާމުން ދުރުކޮށް އެކިވަރުގެ އަދަބުތައް ދީފަ އެވެ. އެ ގޮތުން، ޗައިނާގެ ސަލާމަތީ ކަންކަމާ ބެހޭ ކުރީގެ ވެރިޔާ ޒޫ ޔޮންކަންގް އުމުރަށް ޖަލަށް ލާފައި ވާއިރު، އޭނާއާ ގާތް ގުޅުމެއް ބޭއްވި ގިނަ ބަޔަކު ވެސް ވަނީ ޖަލަށް ލާފަ އެވެ. އޭގެ ތެރޭގައި، ޒޫއާ ގާތް ގުޅުމެއް ބޭއްވި ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ވަރަށް އިސް މެމްބަރެއް ކަމަށްވާ ބޯ ޝިލާ ހިމެނެ އެވެ. އޭނާ މިހާރު ހުރީ އަނބިމީހާ މަރާލިކަން ސާބިތުވެގެން ޖަލަށް ލާފަ އެވެ.

މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާ ގުޅޭ އާ ގަވާއިދު ފާސްކުރި ބައްދަލުވުމުގައި ވެސް، ރައީސް ޝީ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅު މަސައްކަތުގައި ވަރުބަލި ކަމެއް ގެންގުޅެގެން ވާން ނެތް ކަމަށެވެ.

"ބާރުގަދަ މީހަކަށް ބެލުމެއް ނެތި، ގަވާއިދާ ހިލާފުވާ އެންމެންނަށް، އެއް ހަމައަކުން ފިޔަވަޅު އަޅައި އެ މީހުން އިސްލާހުކުރަންޖެހޭ،" ޝީ ވިދާޅުވި ކަމަށް ޒިންހުއާ އިން ބުންޏެވެ