ދުނިޔެ

ޓައިވާންގެ ޕާކެއްގައި ރޯވެ 200 މީހުން ޒަހަމްވެއްޖެ

Jun 28, 2015

ޓައިވާންގެ އެމިއުޒްމަންޓް ޕާކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގާތްގަނޑަކަށް 200 މީހުން ޒަހަމްވެއްޖެ އެވެ.

ވެރިރަށް ޓައިޕޭގެ ފަޔާ ޑިޕާޓްމަންޓުން ބުނި ގޮތުގައި އެ ސިޓީއާ އިންވެގެން އޮންނަ، ނިއު ޓައިޕޭ ސިޓީގެ ބާލީ އަވަށުގައި ހުންނަ ފޯމޯސާ ވޯޓާ ޕާކުގައި ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ 215 މީހަކު ޒަހަމްވި އެވެ. އަދި ސީރިއަސް ޒަހަމްތައް ލިބުނު 83 މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުގެ ގާތްގަނޑަކަށް 40 ޕަސެންޓް ވަނީ ފިިހިފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ޒަހަމްވި މީހުން ކުޅޭ ސާމާނު ތަކަކަށް ލައިގެން ޕާކުން ނެރެގެން ގެންދާ މަންޒަރު ޓައިވާންގެ ޓިވީތަކުން ވަނީ ދައްކާފަ އެވެ.

އެ މީހުންނަށް ކައިރި ހޮސްޕިޓތަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ދުމުގެ އަސަރު ކޮށްފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.

ފަޔާ ޑިޕާޓްމަންޓުން ބުނީ އަލިފާން ރޯވާން ދިމާވީ މީހުންގެ ގަޔަށް ކުލަ ޖެހުމުގެ ޕާޓީއެއްގެ ތެރޭގައި ބޭނުންކުރި ކުލައިގައި އަލިފާން ހިފުމުން ކަމަށެވެ. އެއިރު އެ ޕާޓީ ކުރިއަށް ދިޔަ ސްޓޭޖް ކައިރީގައި 1،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށާއި އަލިފާންގަނޑު ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވިއްޖެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

"ހޫނު ގަދަވެގެން ކުލައިގައި ހުޅު ހިފި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގެނީ،" ފަޔާ ޑިޕާޓްމަންޓްުގެ ތަރުޖަމާނަކު ބީބީސީ އަށް ވިދާޅުވި އެވެ.

ޓައިޕޭގެ ހޫނުމިން އިއްޔެ ހުރީ 36 ޑީގްރީ ސެލްސިއަސްގަ އެވެ. އަދި އެހެން ހިސާބުތަކުގެ ހޫނުމިން 37 އަށް ވުރެ ވެސް މައްޗަށް ދިޔައިރު، ގިނަ އަދަދެއްގެ ބަޔަކު އެކި އެމިއުޒްމަންޓް ވޯޓާ ޕާކުތަކަށް އިއްޔެ ޖަމާވި އެވެ.