ޕީޕީއެމް

ޕީޕިއެމްގެ ކައުންސިލުން ޕާޓީއަށް އާ އެސްޖީއަކު އައްޔަންކޮށްފި

Jan 14, 2019

އާ ޕާޓީއެއް އުފެއްދުމަށް ޓަކައި ވަގުތީ ގޮތުން ހަރަކާތްތައް ހުއްޓާލާފައިވާ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް މިރޭ އާ ބޭފުޅަކު އެ ޕާޓީގެ ކައުންސިލުން އިންތިހާބުކޮށްފި އެވެ.

އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމަކަށް މިރޭ ޕީޕީއެމްގެ މައި އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި، އަބްދުލް މަތީން އެވެ. އޭނާ ވަނީ މީގެ ކުރިން ގައުމީ ޕާޓީ އަދި ޖުމްހޫރީ ޕާޓީގައި ވެސް ހަރަކާތްތެރިވެފަ އެވެ. އޭނާ ޕީޕީއެމްއަށް ސޮއިކުރެއްވީ ވެސް މިރެ އެވެ.

މިރޭގެ ކައުންސިލް ބައްދަލުވުމުގައި ދެން މަޝްވަރާ ކުރި ކަންތައްތަކެއް އަދި ސާފެއް ނުވެ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވީ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި މުހައްމަދު ހުސެން ޝަރީފް ޕީޕީއެމް އިން އިސްތިއުފާ ދެއްވާ، ރައީސް ޔާމީން އަލަށް އުފައްދަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއާ ގުޅިވަޑައިގަތުމުން އެވެ.

ޕީއެންސީ އުފެއްދުމަށް ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޕީޕިއެމްއިން އިސްތިއުފާ ދެއްވުމުން ޕީޕީއެމްގެ ދެ ނައިބު ލީޑަރުން ގެ މަގާމު ވެސް ވަނީ ހުސްވެފަ އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވައި އާ ސެކްރެޓަރީ ޖެނެރަލެއް ޕާޓީއަށް ހަމަޖެއްސީ، ޕީޕީއެމްގެ މިލްކްވެރިކަމާ މެދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް އިބްތިދާއީ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓްގައި ބާއްވާފައި ވަނިކޮށެވެ. އަދި އެ މައްސަލައަށް ތަދައްހުލް ވުމަށް ކުރީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މިހާރު ހުށަހަޅުއްވައިފަ އެވެ.