ހަބަރު

އެސްބީއައިއިން ޕާމް ބީޗު ރިިސޯޓް ނީލަމުގައި ވިއްކާލަނީ

ޅ. މަދިރިގުރައިދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓް ނީލަމުގައި ވިއްކާލުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައި އިން އާންމުކޮށް އިއުލާންކޮށްފި އެވެ.

އިބްރާހިމް އަލިމަނިކުގެ ނަމުގައިވާ ޕާމް ބީޗް ރިސޯޓް، ނީލަން ކިޔަން އެސްބީއައިން އިއްޔެ ކުރި އިއުލާނުގައި ބުނީ އެ ރިސޯޓް ވިއްކާލަނީ، މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނުކޮށް އެ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ދައްކާފައި ނުވާތީ ކަމަށެވެ. އަދި އެ ރިސޯޓް ނީލަމުގައި ވިއްކާލައިގެން ލޯނަށް ނުދައްކާ ހުރި ފައިސާ ހޯދުމަށް ސިވިލް ކޯޓުން، މިދިޔަ އަހަރުގެ ޖުލައި 22 ވަނަ ދުވަހު ހުކުމް ވެސް ކޮށްފައިވެ އެވެ.

އެ މައްސަލަޔާ ގުޅިގެން ސިވިލް ކޯޓްގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުވެގެން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނައީމް (މޮނާޒާ ނައީމް) ހާޒިރުކުރަން ކޯޓުން ދެ ފަހަރެއްގެ މަތިން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފުލުހުންގެ މައްޗަށް އަމުރު ވެސް ކުރި އެވެ.

އެ ރިސޯޓް ވިއްކާލުމުގެ ނީލަން ފެށޭ އަގަކީ، 35 މިލިއަން ޑޮލަރު، 539.7 މިލިއަން ރުފިޔާ ކަމަށް އެސްބީއައިގެ އިއުލާނުގައިވެ އެވެ. ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10،000 ޑޮލަރު އެސްބީއައިއަށް ދައްކަން ޖެހެ އެވެ.

އެ ނީލަމުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު ނިމޭނީ މާދަމާ ހަވީރު 5:00 ގެ ނިޔަލަށެވެ. ނީލަމުގެ އަގު ހުށަހަޅަން ޖެހެނީ، އެސްބީއައިން ދީފައިވާ ހާއްސަ ފޯމެޓެއްގައި އެ ބޭންކްގެ އަށް ވަނަ ފަންގިފިލާއަށެވެ. އަދި، މާދަމާ ހަވީރު 5:00ގެ ނިޔަލަށް ހުށަހަޅާ އަގުތައް ނީލަމުގައި ބައިވެރިވާ އެންމެންގެ ކުރިމަތީގައި އާންމުކޮށް އިއުލާން ކޮށް ޕަބްލިކް ކުރާނެ އެވެ. އަދި އެ އަގުތަކަށް ވުރެ ބޮޑު އަގެއް ހުށަހަޅަން ބޭނުން ވާނަމަ، ބަންދު ނޫން ތިން ދުވަސް ލިބޭނެ އެވެ. އަދި އެ މުއްދަތު ނިމޭއިރު އޮންނަ އެންމެ މަތީ އަގަކަށް ރިސޯޓް ވިއްކާލާނެ އެވެ.

އެސްބީއައިގެ އިއުލާނުގައި ބުނީ ނީލަމުގެ އެންމެ މަތީ އަގު ކަމުގައި ބަލާނީ، ނީލަން ފެށޭ އަގަށް ވުރެ 500،000 ޑޮލަރަށް ވުރެ ބޮޑު އަގެއް ހުށަހަޅާފައިވާ ނަމަ އެވެ. އަދި ނީލަން ކާމިޔާބު ކުރާ ފަރާތުން، ރަސްމީ ދެ ދުވަހުގެ ތެރޭގައި ޖުމްލަ އަގުގެ އެއް މިލިއަން ޑޮލަރު އެސްބީއައިއަށް ދައްކަން ޖެހެ އެވެ. އަދި ބާކީ އޮންނަ ފައިސާ ބަންދު ނޫން 10 ދުވަހުގެ ތެރޭގައި އެއްކޮށް ދައްކާ ހަލާސްކުރަން ޖެހެ އެވެ. އަދި އެ ފައިސާ ނުދެއްކިއްޖެ، ނަމަ އެ ފަރާތުން ދެއްކި އެއް މިލިއަން ޑޮލަރުގެ ތެރެއިން 100،000 ޑޮލަރު ބޭންކަށް ނެގޭނެ އެވެ.

ނީލަން ކާމިޔާބު ކުރި ފަރާތަށް ފައިސާ ނުދެއްކިއްޖެ ނަމަ، ދެން އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަށް އެ ރިސޯޓް ވިއްކާލުމުގެ މަސައްކަތް އެސްބީއައިއިން ކުރާނެ އެވެ. އެ ރިސޯޓް ވިއްކާލުމުގެ އެންމެހާ ކަންތައްތައް ކުރުމަށް އެ ބޭންކުން ވަނީ، ފަސް އޮފިސަރުންގެ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.