ދުނިޔެ

އީޔޫއިން ވަކިވުން: ދުނިޔޭގެ ސަމާލުކަން ޔޫކޭ ޕާލިމަންޓަށްް!

Jan 15, 2019

ލަންޑަން (ޖެނުއަރީ 15) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހަޅުއްވާފައިވާ އެއްބަސްވުމަށް އިނގިރޭސި ޕާލަމަންޓްގައި ވޯޓަށް އަހަން ތައްޔާރުވެއްޖެ އެވެ.

ފަސް ދުވަހުގެ ބަހުސް ނިންމައި، އެ އެއްބަސްވުމަށް ވޯޓަށް އަހާނީ މިއަދު ރާއްޖެ ގަޑިން ދަންވަރު 12.00 ޖަހާއިރު އެވެ.

އީޔޫ އިން ވަކިވުމަށް އިނގިރޭސި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމު ކުރުމަށް، މޭ ވަނީ ތަކުރާރުކޮށް ޕާލިމަންޓް މެމްބަރުންނަށް ގޮވާލައްވައިފަ އެވެ.

ނަމަވެސް، މޭގެ ޕާޓީގެ ގިނަ މެމްބަރުން ވެސް އަދިވެސް އެ އެއްބަސްވުމާއި ދެކޮޅަށް ވާހަކަ ދައްކަވާއިރު، މޭއަށް އެ ވޯޓް ނާކާމިޔާބުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

"މި އެއްބަސްވުން މިއީ އެންމެ ފުރިހަމަ އެއްބަސްވުމެއް ނޫން، ނަމަވެސް ތާރީހު ލިޔެވިގެން ދާނީ އަހަރެމެންނަށް އީޔޫ އިން ވަކިވުމަށް ރައްޔިތުން ނިންމި ނިންމުން ތަންފީޒު ކުރެވުނުތޯ، އަޅުގަނޑުމެންގެ އިގުތިސޯދާއި ސަލާމަތްތެރިކަން ކަށަވަރު ކުރެވުނުތޯ، ނޫނީ އަޅުގަނޑުމެންނަށް ރައްޔިތުންގެ އުއްމީދުތައް ހާސިލު ނުކޮށްދެވުނީތޯ،" ހައުސް އޮފް ކޮމޮންސް ގައި ވާހަކަފުޅު ދައްކަވަމުން މޭ ވިދާޅުވި އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.