ހަބަރު

މާލެ ކަހަލަ ކޮންސްޓްރަކްޝަން ސަައިޓަކަށް ހުޅުމާލެވެސް އެބަވޭ: އަސްލަމް

މާލެ ސިޓީ ފަދަ ކޮންސްޓްރަކްޝަން ސައިޓަކަށް ހުޅުމާލެ ވެސް ބަދަލުވަމުން އަންނަ ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިމާރާތް ކުރުމުގެ ގަވައިދަށް ހިޔާލު ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ މުޅި މާލެއަކީ ބޮޑު ކޮންސްޓްރަކްޝަން ސައިޓެއް ކަމަށާއި އެތަންތަނުގެ ރައްކާތެރިކަމުގެ ހާލަތު އޮތީ ގޯސްކޮށް ކަމަށެވެ. އަދި އާންމުންނަށް އޮންނަ ރައްކާތެރިކަމާއި ސައިޓުގައި މަަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަމުގެ ފެންވަރު ވެސް ހުންނަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެފަދަ ތަނަކަށް މިހާރު ހުޅުމާލެވެސް ބަދަލުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި މާލެ، ހާއްސަކޮށް މާލެއަކީ ބޮޑު ކޮންސްޓްރަކްޝަން ސައިޓެއް، ހުޅުމާލެ ވެސް މިހާރު ވަމުން އެބަދޭ މިފަދަ ތަނަކަށް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާާޅުވީ މާލޭގައި މީގެ ކުރިން އިމާރާތް ކުރުމުގެ މަސައްކަތް މަދުން ކުރަމުން އައިއިރު ރެގިއުލޭޓު ކުރަން ފަސޭހަ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފުޅާވެފައި އޮތް މިންވަރުން ރެގިއުލޭޓު ކުރަން މިހާރު ވަރަށް ބޮޑަށް ދަތިވެފައިވަ ކަމަށާއި ގާނޫނާއި ގަވައިދުގެ ތެރެއިން ނޫނީ ދެން އެކަމެއް ނުކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ދާދި ފަހުން މާލޭގައި ދިމާވި ހާދިސާއަކީ މިވަގުތަށް މި މަސައްކަތް ޓްރިގާ ކުރަން ދިމާވި ކަމެއް، އޭގެ ފަހުން އިއްޔެ ވެސް އެފަދަ ހާދިސާއެއް މާލޭގައި ހިނގި، މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަންކަން،" އަސްލަމް ވިދާޅުވި އެވެ.

އެކަންކަން ހައްލު ކުރުމަށް އިމާރާތް ކުރުމުގެ ގަވާއިދަށް 13 އިސްލާހެއް ހުށަހަޅަން ރާވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެ އިސްލާހުތައް ގެންނަން ޕްރައިވެޓް ސެކްޓާގެ ލަފަޔާއި މަޝްވަރާ ބޭނުންވާ ކަމަށާއި ލަސްވެގެން އަންނަ މަހުގެ ތެރޭގައި ގަވައިދު ގެޒެޓު ކުރަން ޖެހޭ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު ލަދެއް ނުގަނޭ ބުނާކަށް ސަރުކާރުގައި މަަސައްކަތް ކުރަން ތިބި ފަރާތްތަކަށް ވުރެ ޕްރައިވެޓް ސެކްޓާގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވާ ބޭފުޅުންގެ ފުންނާބު އުސްކަން، އެެހެންވެ ގަވައިދުތައް ހަދާއިރު އެ ބޭފުޅުންގެ އެލަފައާއި ހިޔާލުތައް ބޭނުންވޭ،" އަސްލަމް ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ގަވައިދާ ގުޅޭ މަސައްކަތު ބައްދަލުވުން މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް ކުރިޔަށް ދާނެ
އެވެ.