ވިޔަފާރި

ފުރަތަމަ 10 ނިމުނު އިރު ދަތުރުވެރިންގެ މާރުކޭޓު ހާއަޅާފައި!

Jun 28, 2015

ކުރީ އަހަރުތަކުގައި މާރުކޭޓުން ގިނަ ބާވަތް ތަކެއް ފެނެ އެވެ. ނަމަވެސް މި އަހަރު އެ ސާމާނު ފެނިގެންނެއް ނުދިޔަ އެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ ރާއްޖޭގައި ދަނޑުތަކަށް ބައްޔެއް ޖެހުނީ ހެއްޔެވެ؟

"މި އަހަރު ދަނޑުވެރިކަމުގެ ބާވަތްތައް ހެއްދުނު އަދަދު މަދު. އެހެންވެ މާރުކޭޓުން އެކަން ތި ފެންނަނީ،" ބ. އަންހެނުން ފުށީގައި ފުޅާ ދާއިރާއެއްގައި ދަނޑުހައްދާ ގަމީރާ އާދަމް ބުންޏެވެ.

ތޮއްޑުއަށް އުފަން، ގަމީރާ ބުނީ ދަނޑުވެރިކަން ހީނަރުވި ސަބަބެއް ކަމަށް ބެލެވެނީ މޫސުމަށް އައި ބަދަލެއްގެ ސަބަބުން ކަމަށާއި، މިކަމުގެ ސަބަބުން ކުދި މޭވާ އެޅުމުން ލަސްވެގެން ގޮސްފައިވާ ކަމަށެވެ.

"މޫސުމީ ބަދަލެއްގެ ސަބަބުން ހެން ހީވަނީ ދަނޑުވެރިކަން ހީނަރު ވެގެން މި އުޅެނީ. މިހެން ބައެއް އަހަރުތަކު ވޭ. އެފަދަ ކަމެއް ދިމާވެގެން މި އުޅެނީ. މިއީ ބައްޔެއްގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ނޫން،" ގަމީރާ ބުންޏެވެ.

އެހެން ދަނޑުވެރިއަކު ބުނި ގޮތުގައި ދަނޑުތަކަށް މައްސަލަ ޖެހުނީ މާ ފޮޅުނު ހިސާބުން ފެށިގެން ކަމަށެވެ.

"މުޑުވައް ފަޅައި މާ ލައި ހިސާބުން މި މައްސަލަ ނިކުތީ. އެހެންވެ މޭވާ ހަރުވާ ގޮތެއް ނުވި. މީގެ ސަބަބުން ބައެއް ބާވަތްތައް މަދުވެގެން ދިޔައީ،" ދަނޑުވެރިއަކު ބުންޏެވެ.

ރާއްޖޭގެ ދަނޑުވެރިކަން ހީނަރުވުމުގެ އަސަރު އެންމެ ބޮޑަށް ފެނިގެން ދަނީ މި ރޯދަ މަހު ކަރަލުންނެވެ. މިއަހަރު ކަރާ ކިލޯއެއްގެ އަގު ވަނީ އިންތިހާ އަށް މަތިވެފަ އެވެ. ސަބަބަކީ ބާޒާރަށް ބޭނުންވާ ވަރަށް ގާތަށް ވެސް ކަރާ ނުހެއްދުމެވެ. ރޯދަ މަސް ފެށުނުއިރު 25ރ. އަށް ހުރި ކަރާ ކިލޯއެއްގެ އަގު މިހާރު މިވަނީ 30ރ. އާއި 35ރ. އާ ދެމެދުގެ އަދަދަށް އުފުލިގެން ގޮސްފަ އެވެ.

ދަނޑުވެރިން ބުނާ ގޮތުގައި ޑިމާންޑާ ގާތް ކުރާ ވަރަށް ވެސް މި އަހަރު ކަރާއެއް ނުހެއްދެ އެވެ.

"މި އަހަރު އެކި ރަށްރަށުގައި ހެއްދި ކަރާ ވަރަށް މަދު. މިއާއެކު ރާއްޖޭން ބޭރުން ގެނައި ކަރާގެ އަދަދު ވެސް މަދު. މީގެ ސަބަބުން ރިސޯޓު މާކެޓާއި ރޯދަ މަހު މާލެ އަށް ބޭނުންވާ ވަރަށް ކަރައެއް ނުލިބޭ. މިހެންވެ އަގުތައް ބޮޑު ވަނީ،" ދަނޑުވެރިއެއް ބުންޏެވެ.

ކަރާ އާއި މި ނޫން ވެސް ބާވަތްތައް ގޮޅިތަކުން މަދުވުމަކީ މި ރޯދަ މަހު ބާޒާރު ހީނަރު ވެގެން ދިޔަ އެއް ސަބަބެވެ. ނަމަވެސް ރޯދަ މަހު ކުރިއަށް ދާ ވަރަކަށް އަގުތައް ކޮންމެ ވެސް ވަރަކަށް ދަށަށް ދާނެ ކަމަށް ބެލެވެ އެވެ.