މޯލްޑިވްސް ޕޮލިސް ސާވިސް

އިންސާނީ ހައްގުތަކާބެހޭ ޑެސްކެއް ފުލުސް އޮފީހުގައި ގާއިމްކުރަނީ

އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ ޑެސްކެއް ފުލުހުންގެ މުއައްސަސާގައި ގާއިމް ކުރުމާ ގުޅޭގޮތުން އެޗްއާރުސީއެމް އާއި ފުލުހުންނާ ދެމެދު މަޝްވަރާކޮށްފި އެވެ.

އެކްޓިން ކޮމިޝްނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާ އެކު އެޗްއާރުސީއެމް އިން މިއަދު ވަނީ ފުލުހުންގެ މައި މަރުކަޒުގައި މަޝްވަރާތަކެއް ބާއްވައިފަ އެވެ. އެޗްއާރުސީއެމްއިން ބުނީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ، ފުލުހުންނަށް ދޭ އެއްބާރުލުންތަށް މިހާރަށްވުރެ އިތުރުކޮށް އަދި ހަރުދާނާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ ތަމްރީނުތަކުގައި އިންސާނީ ހައްގުތަކާބެހޭ ކޮމްޕޮނެންޓެއް އެއް ހިމެނުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރި އެވެ. މީގެ އިތުރުން، ފުލުހުންގެ ތައުލީމު ދޭ މަރުކަޒު، އައިލްސްގެ ދަށުން ހިންގާ މަތީ ފަންތީގެ ކޯސްތަކުގައި އިންސާނީ ހައްގުތަކާ ބެހޭ މާއްދާތަށް ހިމެނުމާ ބެހޭގޮތުންވެސް މަޝްވަރާކުރި އެވެ.

މީގެ އިތުރުން ފުލުހުން ތަހުގީގުކުރަމުންދާ މަރުގެ މައްސަލަތަކުގައި އެޗްއާރްސީއެމް އިން އާއްމުކޮށްފައިވާ ޕޯސްޓްމޯޓަމް ހެދުމުގެ އުސޫލުތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރި ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ދޫނިދޫ އަދި ޕޮލިސް ކަސްޓޯޑިއަލްއަށް އެޗްއާރްސީއެމް އިން ޒިޔާރަތްކޮށް، އިސްލާހުކުރަން ފާހަގަ ކޮށްފައި ހުރި ކަންކަން ރަނގަޅު ކުރާ މިންވަރާ މެދުވެސް މަޝްވަރާ ކުރި ކަމަށް ކޮމިޝަނުން ބުންޏެވެ.