ހަބަރު

މަރުވި އަންހެން މީހާގެ އޮޓޯޕްސީއެއް ހަދަން އެދިއްޖެ

ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށް މިއަދު މަރުވި އަންހެން މީހާގެ އޮޓޯޕްސީއެއް ހެދުމަށް ފުލުހުން އާއިލާގެ ކިބައިން އެދިއްޖެ އެވެ.

ފޭރުމުގެ މައްސަލައިގައި ދޫނިދޫގައި ހައްޔަރުކޮށްފައި ވަނިކޮށް މިއަދުގެ ވަގުތެއްގައި މަރުވެފައި ވަނީ 23 އަހަރުގެ އަންހެނެކެވެ. އޭނާ މަރުގެ މައްސަލާގައި ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލާގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އެޗްއާރްސީއެމްއަށް ވެސް އެކަމުގެ މައުލޫމާތު ހިއްސާކޮށް، އެ މައްސަލަ ބަލައިދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ އޮޓޮޕްސީއެއް ހެދުމާ ގުޅޭ ގޮތުން އާއިލާއާ މަޝްވަރާކޮށް އެކަމަށް އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އަންހެން މީހާގެ މަރުގެ މައްސަލާގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާ ދޫނިދޫގައި ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި އޭނާއަށް ލިބެން ޖެހޭ އެންމެހާ ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެންމެހާ ހިދުމަތްތަކެއް ވެސް ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އޭނާ ޑޮކްޓަކަށް ދައްކާ ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.