ސްކޫލް

ކުދީންގެ މުސްތަގުބަލަކީ ހުނަރު!

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ބެލެނިވެރިން އެންމެ އިސް ވާޖިބެއް ކަމުގައި ބެލެނިވެރިން ދެކެނީ ބކުދިންނަށް އުގައްނައި ދިނުމެވެ. އެ ބޭނުމުގައި ޓިއުޝަން ކްލާހާއި ގުރުއާން ކްލާހާއި މެންޓަލް މެތްސް ކްލާހާއި އިނގިރޭސި ބަސް ކްލާސް މިހެން ގޮސް ކުދިން ނުފޮނުވާ ކްލާހެއް ނޯވެއެވެ. މި ހުރިހާ ކްލާހަކަށް ކުއްޖާ ފޮނުވުމުން ވަރުބަލިކަން އިހްސާސް ކުރެވި ސަމާލުކަން ދިނުމުގެ މައްސަލަތަކާއި ކުރިމަތި ވެއެވެ. ރަނގަޅަށް އެއް މާއްދާއަށް ދޭންވާ ސަމާލުކަން ދޭން ވެސް އުނދަގޫވެ އެވެ. އަވަދިނެތި އެއް ކްލާހުން އަނެއް ކްލާހަށެވެ. ދަސްކޮށްދިން އެއްޗަކާއި މެދު ވިސްނާލަން ވެސް ފުރުސަތެއް ނެތެވެ.

އަބަދު ކިޔަވާ ދިނުމާއި ޕާސްޓް ޕޭޕަރު ހެދުމުގެ ބަދަލުގައި ކުދިންނަށް އެކުދިންގެ އުމުރާއި ގުޅޭ އަދި ޝައުގުވެރިވާ ފަދަ ހުނަރެއް ދަސްކޮށް ދިނުމަށް ވިސްނާ ބެލެނިވެރިން ވެސް އުޅެއެވެ. މިގޮތަށް ކުއްޖާގެ ގަޔާވާ ކަންކަން ދަސްކޮށް ދިނުމަށް ބައެއް ވަގުތު ހޭދަ ކުރުމުން، ދުނިޔޭގެ ކަންކަމަށް ލޯ ހުޅުވި، ހަމައެކަނި ފޮތުގައި އޮންނަ ގޮތް ނޫން އަސްލު ކަމެއް ކުރަން އުޅުމުން ކުރިމަތިވެދާނެ ކަންކަމާއި ކުރިމަތިލުމަށް ކުއްޖާއަށް ދަސްވެއެވެ.

އަދި ކުއްޖާގެ ހުނަރުތަކަކީ ކޮބައިކަން ދެނެގަނެވެ އެވެ. ކުއްޖާ ކުރިޔަށް ދާނީ ބޮޑަށް ކުޅިވަރުގެ ރޮނގަކުންތޯ ނުވަތަ އެހެންވެސް ފަންނީ ކަމަކުންތޯ ދެނެގަނެ މުސްތަގުބަލުގައި ކުއްޖާއަށް ފުރުސަތު ހޯދައި ދޭންވީ ދާއިރާތަކަކީ ކޮބައިކަން ދެނެގަނެވެ އެވެ. އެނގެންވީ ހުރިހާ ކުދިންނަކީ އެއް ކަމަކަށް މޮޅު ވާނެ ކުދިން ނޫން ކަމެވެ. ފުރުސަތު ހޯދައި ދޭންވީ އާ ހުނަރުތައް ދަސް ކުރުމަށެވެ.

މިގޮތުން ކެއްކުމާއި ކޯޑް ކުރުމާއި ބިއުޓީ ކޯހާއި ފެހުމާއި މިއުޒިކާއި ފީނުމާއި ސާފިން އާއި ލަވަކިޔުމާއި އިލެކްޓްރިކަލް މަސައްކަތްކުރުމާއި މެކޭނިކަލް ވޯކްސް އާއި ކުރެހުމާއި އަތްތެރި މަސައްކަތް މިހެންގޮސް އެތައް މަސައްކަތްތަކެއްގެ ހުނަރު ދަސްކޮށް ދެވިދާނެ އެވެ. އަދި މީގެ އިތުރުން ފަސްޓް އެއިޑް ދިނުން ކަހަލަ ލައިފް ސްކިލްއެއް ވެސް ކުއްޖާއަށް ދަސްކޮށްދެވިދާނެ އެވެ.

ކޮންމެ ކުއްޖަކީ ޖީސީއީގައި ވަނަ ލިބޭނެ ކުއްޖެއް ނޫންކަމާއި، ޖީސީއީން ދަށް ނަތީޖާ އެއް ލިބުމުން އެއީ ކުރިއަށް ހުރި ދޮރުތަށް ބަންދުވީ ކަމުގައި ދެކުމާއި، ހިތް މަރު ވެގެން އުޅުމުގެ ބަދަލުގައި ޝައުގުވެރިވާ ހުނަރަކުން ކުރިއަށް ދެވިދާނެ އެވެ.

މިފަދަ ކްލާސްތަކަށް ފޮނުވުމުގެ މާލީ ތަނަވަސްކަން ނުވަތަ ވަގުތު ނެތްނަމަ، ގޭތެރޭގައި ވެސް މިކަން ކުރެވިދާނެ އެވެ. ބެލެނިވެރިން ކުދިންނަށް އާ ފޮތްތަށް ކިޔުމަށާއި އާ މައުލޫމާތު ހޯދުމަށް އެހީވާންވީ އެވެ. އަދި މިއީ އިންޓަނެޓުގެ ޒަމާނެވެ. ފަސޭހައިން މައުލޫމާތު ލިބޭ ޒަމާނެވެ. އިންޓަނެޓް މެދުވެރިކޮށް މިފަދަ މައުލޫމާތު ހޯދުމާއެކު ބެލެނިވެރިން މިފަދަ ކޮންމެވެސް ޕްރޮޖެކްޓެއް ކުދިންނާއެކު ހަފްތާ ބަންދުގައި ހެދުމުން ކުދިންކުރާހިތްވާ ކަހަލަ ކަމެއް ކުރުމުގައި އެކީގައި ވަގުތުވެސް ހޭދަވީ އެވެ.

މިފަދަ ހުނަރުތަށް ކުއްޖާއަށް ދަސްކޮށް ދިނުމުން ވަޒީފާގެ މާހައުލަށް ކުއްޖާ ހުންނަނީ މާ ފިޓުވެފަ އެވެ. އެއީ ދަސްކުރި ހުނަރަކީ އެ ކުއްޖާއަށް ވަޒީފާގައި ފުރަތަމަ ދުވަހުވެސް އެޕްލައި ކުރަން އެނގޭ ހުނަރަކަށް ކަމުގައިވާތީ އެވެ. ކަންކަމަށް ލޯ ހުޅުވި އަސްލުކަންތައް ކުރާ ގޮތަށް މާބޮޑަށް ހޭނިފައިވުމުގެ ސަބަބުންނެވެ. އަދި އިތުރު ހުނަރެއް ދަސްވެފައި ހުރުމުން މުސްތަގުބަލުގައި ފުލްޓައިމް ވަޒީފާއެއްގައި އުޅުނަސް ނުވަތަ ފުލްޓައިމްކޮށް މަތީ ތައުލީމު ހާސިލު ކުރި ކަމުގައި ވިޔަސް ޕާޓް ޓައިމް މަސައްކަތްކުރެވޭނެ މަގު ފަހިވެ އެވެ. ކުދިން ހަރުދަނާ ވުމުގެ އިތުރުން އިތުރު އާމްދަނީ އެއް ލިބޭ ގޮތް މަގުފަހިވެގެން ދެއެވެ.

އެހެންކަމުން އަބަދުވެސް ކިޔަވަން ބޭންދުމުގެ ބަދަލުގައި ވޮކޭޝަނަލް އެތަކެއް މަސައްކަތެއް ކުދިންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށްވެސް އިސްކަންދިނުން މުހިއްމެވެ.