ދުނިޔެ

އީޔޫއިން ވަކިވުމުގެ އެއްބަސްވުން ޔޫކޭ ޕާލިމަންޓުން ފޭލްކޮށްލައިފި

Jan 16, 2019
1

ލަންޑަން -- ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހަޅުއްވާފައިވާ އެއްބަސްވުން އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފެއިލްކޮށްލައިފި އެވެ.

އީޔޫއިން އިނގިރޭސިވިލާތް ވަކިވުމަށް އެ ގައުމުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ނިންމާފައިވާ ގޮތަށް އަންނަ މާޗް މަހުގެ 29 ވަނަ ދުވަހުން ފެށިގެން އީޔޫއިން ވަކިވުމުގެ ތަފްސީލީ އުސޫލުތައް ހިމެނޭ އެ އެއްބަސްވުމަށް ރުހުން އޮތް ތޯ ބެލުމަށް ރޭ އިނގިރޭސި ޕާލިމަންޓްގައި ނެގި ވޯޓްގައި 432 މެންބަރުން ވޯޓް ދެއްވީ އެ އެއްބަސްވުމަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. އެއްބަސްވުމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދެއްވީ 202 މެންބަރުން އެވެ. މިއީ އިނގިރޭސި ސަރުކާރެއްގެ ހުށަހެޅުމަކަށް ގާނޫނު ހަދާ މަޖިލީހުގައި މިހާ ބޮޑުތަނުން ނޫނެކޭ ބުނި ފުރަތަމަ ފަހަރެވެ.

މާޗް 29 ވަނަ ދުވަހު ރަސްމީކޮށް އިނގިރޭސިވިލާތް އީޔޫއިން ވަކިވާ ގޮތަށް އޮތް ނަމަވެސް، މި އެއްބަސްވުމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ތާއީދު ނުލިބުމުން ޔޫކޭ އީޔޫއިން ވަކިވާނެ ގޮތާއި އެކަން ކުރިއަށް ދާނެ ގޮތެއް އަދި ތާރީހެއް މި ވަނީ ސުވާލުތަކެއްގެ ތެރޭގަ އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އަށް ދުވަސް ވަންދެން އިނގިރޭސި ޕާލިމަންޓްގައި ބަހުސްކޮށް 200 އަށް ވުރެ ގިނަ މެންބަރުން ވާހަކަދެއްކެވި އިރު ގިނަ މެންބަރުން ބޭނުންފުޅު ވަނީ، އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ މެދު އަލުން އާންމުންގެ ވޯޓަކަށް ދާށެވެ. ނޫނީ، ތަންކޮޅެއް މެދުމިނުގެ އެއްބަސްވުމަކަށް އީޔޫއާ އެކު ދާށެވެ. ބަހުސްގެ މަރުހަލާގެ ތެރެއިން ބޮޑުވަޒީރު، މޭ ވަނީ އީޔޫއިން ވަކިވުމުގެ އެއްބަސްވުމަށް ރުހުން ދިނުމަށް ޕާލިމަންޓް މެންބަރުންގެ ކިބައިން އާދޭސް ދަންނަވައިފަ އެވެ. މޭ ވިދާޅުވަނީ، ވޯޓް ފޭލް ވެއްޖެ ނަމަ ރައްޔިތުން ނިންމި ގޮތަށް އީޔޫއިން ވަކިވުމުގެ ފުރުސަތު އިނގިރޭސިވިލާތަށް ހަނިވެގެން ދާނެ ކަމަށެވެ.

މިހާ ބޮޑުތަނުން މޭގެ ހުށަހެޅުއްވުން ފޭލްވުމާ ގުޅިގެން ލޭބާ ޕާޓީގެ ލީޑަރު، ޖެރެމީ ކޯބިން ވަނީ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ހުށަހަޅުއްވައިފަ އެވެ. އެ ވޯޓް މަޖިލީހުގައި ނަގާނީ އަންނަ ބުދަ ދުވަހު އެވެ. އެ ވޯޓް ކާމިޔާބު ވެއްޖެ ނަމަ، އިނގިރޭސިވިލާތުގައި އަލުން އާންމު އިންތިހާބެއް ބާއްވާނެ އެވެ.

އިނގިރޭސިން އީޔޫއިން ވަކިވުމުގެ އެއްބަސްވުމެއް އެކުލަވާލަން ބޮޑުވަޒީރު މޭ މަސައްކަތް ކުރައްވާތާ މިއަހަރު ދެ އަހަރެއްހާ ދުވަސް މި ވަނީވެފަ އެވެ.