ދުނިޔެ

އީރާނުގައި މަސައްކަތްކުރާ ނޫސްވެރިޔެއް އެމަރިކާއިިން ހައްޔަރުކޮށްފި

Jan 16, 2019
1

އީރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީގެ ނޫސްވެރިޔަކު އެމެރިކާއިން ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ މާޒިއާ ހާޝިމީ ނަމަކަށް ކިޔާ އަންހެނެކެވެ.

އުމުރުން 59 އަހަރުގެ ހާޝިމީއަކީ އެމެރިކާގެ ރައްޔިތެކެވެ. އިސްލާމްދީން ގަބޫލު ކުރުމަށްފަހު އޭނާ އީރާންއަށް ބަދަލުވީ 2008 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުންދިޔައީ އީރާނުގަ އެވެ.

އޭނާ ހައްޔަރުކުރީ އާއިލާއާ ބައްދަލުކުރުމަށް އެމެރިކާއަށް ދިޔަ ތަނާ ކަމަށް ޕްރެސް ޓީވީއިން ވަނީ ބުނެފަ އެވެ. އެ ޓީވީއިން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ އެމެރިކާއަށް އެތެރެވި ފަހުން އާއިލާއަށް އެއްވެސް ހަބަރެއް ނުވި ކަމަށާއި އޭނާގެ ހަބަރެއްވީ ހައްޔަރުކޮށްފައި ހުންނަތާ 48 ގަޑިިއިރު ފަހުން ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.

އެމެރިކާގެ އެފްބީއައިއިން އޭނާ ހައްޔަރުކުރުމަށްފަހު އަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށް ވެސް އެ ޓީވިއިން ވަނީ ބުނެފަ އެވެ. އެގޮތުން އޭނާގެ ބުރުގާ ގަދަކަމުން ނަގައި، ނަމާދުކުރުން ހުއްޓުވާފައިވާ ކަމަށްވެ އެވެ. އަދި، އޭނާއަށް ކާން ދެނީ އިސްލާމް ދީންގައި ހަރާންކޮށްފައިވާ އޫރު މަސް އަޅާފައިވާ ކާނާ އެކަނި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ހާޝިމީ ހައްޔަރުކުރުން ކުށްވެރިކޮށް އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ. ހާޝިމީ ހައްޔަރުކޮށްފައިމިވަނީ އީރާާނާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާއިން މިފަހުން ވެސް ވަނީ އީރާންއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެންމެ ފުރަތަމަ، އެމެރިކާ އިން އިރާނާއި ދެކޮޅަށް މިދިޔަ އޯގަސްޓް މަހުން ފެށިގެން އަމަލު ކުރަންފެށި ފިޔަވަޅުތަކުގެ ތެރޭގައި، އިރާނުން އެމެރިކާ ޑޮލަރު ގަތުން ހުއްޓުވުމާއި، ވެހިކަލް އުފެއްދުމާއި، ރަނާއި، އެލުމިނީއަމާއި، ދަގަނޑު ފަދަ ތަކެތީގެ ވިޔަފާރި ހުއްޓުވުން ހިމެނެ އެވެ.

އެއަށްފަހު، އިރާނު ބޭރުކުރާ ތެލާއި، ގޭހުގެ އިތުރުން އެގައުމާއި އެކު އެއްވެސް ފައިސާގެ މުއާމަލާތްތަކެއް ހުއްޓާލުމުގެ ފިޔަވަޅުތައް އެޅިގެންދާނެ އެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ބޭނުމަކީ، 2015 ވަނަ އަހަރުގެ އެއްބަސްވުމަށްވުރެ މާ ފުޅާކޮށް، ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތްތައް ހުއްޓުވުމުގެ އިތުރުން، ޓެރަރިޒަމް އަށް ހިތްވަރުދޭ ގޮތަށް އިރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މަޖުބޫރު ކުރުވުން ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.