ހަބަރު

ރަޖިސްޓަރީކުރަން ލާޒިމު ނޫން ފަރާތްތައް އުނިކުރަން ހުށަހަޅަން އެދެފި

Jan 16, 2019
1

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ރަޖިސްޓަރީކުރުމަށް ކަނޑައަޅައިފައިވާ ޝަރުތުތައް ހަމަނުވާ ފަރާތްތަކުން މީރާގެ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

މީރާއިން މިއަދު ބުނި ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މިހާރު ވިޔަފާރިނުކުރާ ފަރާތްތަކާ، އެ ފަރާތަކަށް ލިބޭ އާމްދަނީއަށް ބަލާއިރު ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން، ނުވަތަ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުން ލާޒިމުނުވާ ގިނަ ފަރާތްތަކެއް ހިމެނެ އެވެ. އެ ފަރާތްތަކުން ޓެކުހާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަން ޖެހުމުގެ ސަބަބުން އެކި އެކި ދަތިތައް ކުރިމަތިވަމުން ދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މީރާއިން ބުންޏެވެ.

މީރާއިން ބުނީ މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވިޔަފާރިއެއް ނުކުރިކަމުގައިވިއަސް، ޓެކްސްގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާނުކުރާނަމަ، ގާނޫނުގެ ދަށުން އެފަރާތް ޖޫރިމަނާ ވަމުންދާނެތީ، ވިޔަފާރިނުކުރާ ފަރާތްތައް ރަޖިސްޓަރީން އުނިކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން، ޓެކުހުގެ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރުމަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުން، ރަޖިސްޓަރީން އުނިކުރުމަށް އެދި MIRA106 ފޯމު މެދިވެރިކޮށް އެ އޮތޯރިޓީއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.