ދުނިޔެ

އިތުބާރު ނެތްކަމުގެ ވޯޓުން ހަނިގޮތަކަށް މޭ ސަލާމަތްވެ ވަޑައިގެންފި

Jan 17, 2019

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހެއްޅުއްވި އެއްބަސްވުމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ތާއީދު ނުލިބި ފެއިލްވުމާ އެކު އެކަމަނާގެ މައްޗަށް ޕާލިމަންޓްގައި މިއަދު ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން ވަރަށް ހަނި ގޮތަކަށް މޭ ސަލާމަތްވެ ވަޑައިގެންފި އެވެ.

މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން މޭގެ އެއްބަސްވުން ފެއިލްވުމުން ލޭބާ ޕާޓީގެ ލީޑަރު، ޖެރަމީ ކޯބިން މޭގެ މަައްޗަށް ހުށަހެޅުއްވި އިތުބާރު ނެތް ކަމުގެ ވޯޓްގެ މައްސަލައިގައި ދިގު ބަހުސްތަކެއް ކުރުމަށް ފަހު މިރޭގެ ވަގުތެއްގައި މެންބަރުންގެ ވޯޓަށް އެހުމުން އެކަމަނާގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް 325 މެންބަރަކު ވޯޓް ދެއްވި އެވެ. އިތުބާރު ނެތް ކަމުގެ ވޯޓާ އެއްކޮޅަށް ވޯޓް ދެއްވީ 306 މެންބަރުން އެވެ.

ވޯޓުން ކާމިޔާބު ލިބިވަޑައިގަތުމުން އެކަމަނާ މަޖިލީހުގެ ފްލޯގައި ތަގުރީރު ކުރައްވަމުން ވިދާޅުވީ، ރައްޔިތުން ނިންމާފައިވާ ގޮތަށް އީޔޫއިން ވަކިވުމުގެ އެއްބަސްވުމެއް އެކުލަވާލަން ޕާޓީތަކުގެ ލީޑަރުންނާ އެކު އެކަމަނާ އަލުން މަޝްވަރާތައް ފައްޓަވާނެ ކަމަށެވެ. މޭ ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުން އެކަމަނާ މަގާމުން ދުރު ނުކުރުމުން މަސައްކަތައިގެން ކުރިއަށް ވަޑައިގަންނަވަން ހިތްވަރެއް ލިބިއްޖެ ކަމަށާއި އެކަމަނާގެ ޒިންމާތައް އަދާކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

"އިޔޫއިން އިނގިރޭސިވިލާތް ވަކިވުމުގެ މަސައްކަތުގައި މި މަޖިލީހުގައި ހިމެނޭ ކޮންމެ ޕާޓީއަކަށް ނިސްބަތްވާ ކޮންމެ ފިކުރެއްގެ ބޭފުޅަކާ އެކުވެސް އަޅުގަނޑު މި ހުރީ މަސައްކަތް ކުރަން ތައްޔާރަށް،" ގާނޫނު ހަދާ މަޖިލީހަށް މުހާތަބު ކުރައްވަމުން މޭ ވިދާޅުވި އެވެ.

އެކަމަނާގެ މައްޗަށް މީގެ ކުރިން ވެސް، އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހުގައި ނެގި އެވެ. އެހެން ނަމަވެސް އެފަހަރުވެސް އެކަމަނާ ވަނީ އެ ވޯޓުން ވެސް ސަލާމަތްވެ ވަޑައިގެންފަ އެވެ. އެހެން ނަމަވެސް، އިޔޫއިން ވަކިވުމަށް އެކަމަނާ ހުށަހެޅުއްވި އެއްބަސްވުން ތާރީހީ ބޮޑު ބައްޔަކުން ފެއިލްވުމާ އެކު އެކަމަނާގެ އިސްތިއުފާއަށް އެކި ފަރާތްތަކުން ގޮވާލި އެވެ.