ދުނިޔެ

ކެންޔާގެ ހޮޓަލަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 21 އަށް

Jan 17, 2019

ނައިރޯބީ (ޖެނުއަރީ 16) - ކެންޔާގެ ވެރިރަށް ނައިރޯބީގައި ހުރި ހޮޓަލަކަށް ބަޑި ހިފައިގެން ބަޔަކު ވަދެ ދިން ހަމަލާގައި މިހާތަނަށް 21 މީހުން މަރުވެފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

އެ ހަމަލާގައި ބައިވެރިވި ފަސް މީހުން ވެސް، ކެންޔާ ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރާލެވިފައިވާއިރު، އަދިވެސް އެ އަދަދު އިތުރުވެދާނެކަމަށް ރެޑް ކްރޮސް ޖަމާއަތުން ވަނީ ބުނެފަ އެވެ.

އަލްގައިދާ އާއި ގުޅުން އޮންނަ، ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އަލް ޝަބާބުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި، އެ ހަމަލާދީފައިވަނީ، އިޒްރޭލުގެ ވެރިރަށަކީ މާތްވެގެންވާ ގުދުސްކަމުގައި ބަލައިގަންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމުމާއި ގުޅިގެން އެ ނިންމުމުގެ ރައްދެއްގެ ގޮތުގައި ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި، 16 ކެންޔާ މީހުންނާއި، އިނގިރޭސިއަކާއި އެމެރިކާ މީހެއްގެ އިތުރުން، އެފްރިކާ ނަސްލުގެ އިތުރު ތިން މީހަކު ހިމެނޭކަމަށް ކެންޔާ ސަރުކާރުން ވަނީ ބުނެފަ އެވެ.

ނައިރޯބީގައި ހުންނަ ދުސިޓް ކޮމްޕްލެކްސް ސަރަހައްދުން 700 އަށް ވުރެ ގިނަ އާންމުން ސަލާމަތް ކުރެވިފައިވާކަމަށް ވެސް ކެންޔާ ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.