ދުނިޔެ

އިތުބާރުނެތް ކަމުގެ މައްސަލައިން ގްރީސްގެ ބޮޑު ވަޒީރު ސަލާމަތްވެއްޖެ

Jan 17, 2019

އެތެންސް (ޖެނުއަރީ 16) - މެސެޑޯނިއާގެ ނަން ބަދަލުކުރުމުގެ އެއްބަސްވުމާއި ހިޔާލުތަފާތުވެ، ޕާލިމަންޓްގެ މެޖޯރިޓީ ގެއްލި ސަރުކާރު ރޫޅުމުން، ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް ގެ އިތުބާރުގެ މައްސަލަ، ވަރަށް ހަނި ތަފާތަކުން އެމަނިކުފާނު ކާމިޔާބު ކުރައްވައިފި އެވެ.

މެސެޑޯނިއާގެ ނަން، ރިޕަބްލިކް އޮފް ނޮދާން މެސެޑޯނިއާއަށް ބަދަލުކުރަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އެ ގައުމުގެ ޕާލިމަންޓުން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ނަން ބަދަލުކުރުމަކީ، އަވަށްޓެރި ގްރީސް އާއެކު ޒަމާނުއްސުރެ އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ދެ ފަރާތުން އެއްބަސްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އޭގެ ބަދަލުގައި، މެސެޑޯނިއާ ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަން އާއި ގުޅުމަށް ހުރަސްއެޅުން ގްރީސް އިން ހުއްޓާލާނެ އެވެ.

އިތުބާރު އޮތްކަމަށް ފާސްކުރުމަށް ސިޕްރާސްގެ ވެރިކަންކުރާ ޕާޓީއަށް މަދުވި ހަ ވޯޓު ލިބިފައިވަނީ މިނިވަން މެމްބަރުންތަކެއްގެ ތާއީދާއެކު އެވެ.

އިތުބާރުނެތް ކަމުގެ މައްސަލަ ކާމިޔާބުވުމުން، މެސެޑޯނިއާ އާއެކު ވެފައިވާ އެއްބަސްވުން ވެސް އެ އަދަދުން ފާސްކުރާނެކަމަށް ބެލެވެ އެވެ.

ޔޫގޮސްލާވިއާއިން ވަކިވެގެން، 1991 އަހަރު މެސެޑޯނިއާ އިން މިނިވަންކަން އިއުލާނުކުރުމުން، ހަމަ އެނަމުގެ ސަރަހައްދެއް އޮންނަ ގްރީސް އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.