ދުނިޔެ

އެމެރިކާ: ބަޖެޓު ފާސްވުމުން، މުވައްޒަފުންނަށް ނުދީހުރި މުސާރަ ދެނީ

ވޮޝިންގްޓަން (ޖެނުއަރީ 16) - މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި، އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ "ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ބަޖެޓު ފާސްނުކުރެވި، ސަރުކާރުގެ ބޮޑުބައެއް ހުއްޓިފައިވާއިރު، ދައުލަތުގެ މުވައްޒަފުންނަށް ނުދެވިހުރި މުސާރަ، ފަހުން ދޭގޮތަށް ފާސްކުރި ގާނޫނު ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރައްވައިފި އެވެ.

ބަޖެޓު ފާސްނުވެ، ސަރުކާރުގެ ބޮޑުބައެއް ހުއްޓިފައި އޮންނަތާ މިއަދަށް 26 ދުވަސް ވެފައިވާއިރު، މިއީ އެމެރިކާގެ ތާރީހުގައި މިފަދަ ހާލަތެއް މިހާ ގިނަ ދުވަހަށް ދިގުލައިގެން ދިޔަ ފުރަތަމަ ފަހަރެވެ.

ބަޖެޓު ފާސްނުވުމުގެ ސަބަބުން، އެމެރިކާގެ ޑިފެންސް، ލޭބާ، ހެލްތު، ހޯމްލޭންޑް ސެކިޔުރިޓީ، އެގްރިކަލްޗާ އަދި ޖަސްޓިސް ޑިޕާޓަމަންޓްތަކުގެ ބޮޑުބައެއް ހުއްޓިފައިވާއިރު، 800،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަނީ މުސާރަނުދެވި އެވެ.

ނަމަވެސް، މި ބިލާއެކު، އެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ، ބަޖެޓު ފާސްވެ ސަރުކާރު އަލުން ހިނގަން ފެށުމާއެކު ދެވޭނެ މަގު މިހާރު ވަނީ ތަނަވަސްވެފަ އެވެ.

ނަމަވެސް، ފާރު މަޝްރޫއަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ނުހިމަނައި، ބަޖެޓު ތަސްދީގު ކުރެއްވުމަށް ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

މުސާރަ ނުލިބި އަތްމަތި ދަތިވުމުގެ ސަބަބުން، ގިނަ ބަޔަކު ދަނީ އެމީހުންގެ އަތުގައި ހުރި ބައެއް މުދާތައް އިންޓަނެޓް ސައިޓުތަކުގައި ނީލަން ކިޔަމުންނެވެ. އަނެއް ބަޔަކު، ޕާޓް ޓައިމްކޮށް ސުޕާމާކެޓުތަކުގައި ވަޒީފާ އަދާކުރަން ހުށަހަޅަމުންދާކަމަށް ވެސް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

މިޑް ޓާމް އިލެކްޝަނުގެ ކާމިޔާބީއަށްފަހު ހައުސްގެ މެޖޯރިޓީ ހޯދި ޑިމޮކްރެޓުން ބުނަނީ، އެ ފާރަކީ ބޭކާރު ހަރަދެއް ކަމަށާއި، އިންސާނިއްޔަތާ ވެސް ހިލާފު ކަމެއް ކަމަށެވެ.

އަދި މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ކުއްލި ހާލަތު އިއުލާނުކުރައްވައިގެން ހޯދަންޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

ކުއްލި ހާލަތްތަކުގައި، އަސްކަރީގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބާރު ސީދާ ރައީސަށް ލިބިގެންވެ އެވެ. ނަމަވެސް އެފަދަ ނިންމުމަކާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް ހުދު އެމަނިކުފާނު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.