ހަބަރު

ހުޅުމާލޭގައި އެޅި ޕްރީސްކޫލެއް އެޑިއުކޭޝަނާ ހަވާލުކޮށްފި

އަމިއްލަ ފަރާތަކުން ހުޅުމާލޭގައި އިމާރާތް ކުރި ޕްރީސްކޫލެއް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ސްކޫލު ހަވާލު ކުރަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެޑިއުކޭޝަނުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އެޗްޑީސީން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

ހުޅުމާލޭ އޯޓިޒަމް ސެންޓަރާ ޖެހިގެން ކުރިން ޕީޕީއެމްގެ ޖަގަހައެއް ހިންގި އިމާރާތުގައި އެޅި ޕްރީ ސްކޫލަށް އަދި ނަމެއް ދީފައެއް ނުވެއެވެ. އަދި އެ ސްކޫލް ހިންގަން މިއަދު އެޑިއުކޭޝަނާ ހަވާލު ކުރި އިރު އެއީ އަމިއްލަ ކޮން ފަރާތަކުން އަޅައިދިން ސްކޫލެއް ކަމެއް ވެސް ބުނެފައެއް ނުވެއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ އެ ސްކޫލް މިނިސްޓްރީއާ ހަވާލު ކުރުމުން އުފާ ކުރައްވާ ކަމަށާއި އުންމީދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމުންނަށް ރަނގަޅު ހިދުމަތެއް ދޭނެ ސްކޫލަކަށް އެތަން ވެގެން ދިއުން ކަމަށެވެ. އަދި ސްކޫލް ހިންގާނެ ފަރާތެއް ހޯދައި މިއަހަރު ކިޔަވަން ފަށާނެ ކަމަށެވެ.

"އުއްމީދަކީ މި ސްކޫލަކީ ހުޅުމާލޭގެ ރައްޔިތުންނަށް ވަރަށް ރަނގަޅު ހިދުމަތެއް ދޭނެ ސްކޫލަކަށް ވެގެން ދިއުން. ސްކޫލު ހިންގާނެ ފަރާތެއް ހޯދަން ވަރަށް އަވަހަށް އިއުލާން ކުރާނަން، އަދި [އެކަން] ހަމަޖެހުނުހާ އަވަހަކަށް މިއަހަރުގެ ތެރޭ ސްކޫލުގައި ކިޔެވުން ކުރިއަށްދާނެ،" އެކަމަނާ ވިދާޅުވި އެވެ.

އެޑިއުކޭޝަނާ ހަވާލު ކުރި ޕްރީ ސްކޫލަކީ ހަތް ކްލާސް ރޫމްގެ ޖާގަ ހިމެނޭ ސްކޫލެކެވެ. އަދި ކޮމްޕިއުޓަރު ރޫމަކާއި ހޯލަކާއި ސްޓާފްރޫމް އެެއްވެސް ހުރެ އެވެ.