ހަބަރު

މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާ ދޫކުރަން ފަށައިފި

Jan 17, 2019

މިދިޔަ އަހަރުގެ ކޭމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާތައް ދޫކުރަން ފަށައިފި އެވެ.

މިއަދު ވަނީ ރާއްޖޭގެ ގިނަ ސުކޫލްތަކުން ކޭމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގެ ނަތީޖާތައް ކުދިންނަށް ދޫކުރަން ފަށާފަ އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރުމަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން އެޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ދޫކުރާނެ ކަމަށެވެ. އަދި ނަތީޖާ ދޫކުރާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 1:30 އަށް ކަމަށްވެސް ޕަބްލިކް އެގްޒެމިނޭޝަނުން ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ، އެޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުން ކަމަށާއި ބަދަލުގައި މީހަކު ފޮނުވާނަމަ އެކެންޑިޑޭޓުގެ އައިޑީކާޑާއި ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަން ޖެހޭނެ ކަމަށެވެ.

ނަތީޖާގައި އެއްވެސް މައްސަލައެއް އުޅޭނަމަ އަންނަ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަން ލިއުމަކުން އެޑިޕާޓްމަންޓަށް ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ނަތީޖާ ރީޗެކްކުރަން ބޭނުންވާ ކެންޑިޑޭޓުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ފެބުރުއަރީ 11 ވަނަ ދުވަހުގެ ހުށަހެޅޭނެ ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުންޏެވެ.

މިދިޔަ އަހަރުގެ ކެމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުން 5802 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.