ހަބަރު

197.9 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ނުލިބި: މީރާ

މިދިޔަ އަހަރުގެ ނިޔަލަށް 7,089 ކުންފުންޏަކުން އަހަރީ ފީ އަދި ޖޫރިމަނާގެ ގޮތުގައި 197.9 މިލިއަން ރުފިޔާ ދައްކާފައި ނުވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މީރާއިން ބުނި ގޮތުގައި އޭގެތެރޭގައި 2017 ވަނަ އަހަރު ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއިން އުވާލުމަށް ނިންމާފައިވާ 5،772 ކުންފުންޏަކުން ދައްކަންޖެހޭ 189.6 މިލިއަން ރުފިޔާއާއި، އޭގެ ތެރޭގައި ނުހިމެނޭ 1317 ކުންފުންޏަކުން ދައްކަންޖެހޭ 8.2 މިލިއަން ރުފިޔާ ހިމެނެ އެވެ.

ކުންފުނީގެ އަހަރީފީގެ އިތުރުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގައިވާ ގޮތުން، ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރިކަމުގައި ވިޔަސް ގާނޫނުގައިވާ ގޮތުގެ މަތިން ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ކަމަށާއި، އެކަން ނުކުރެވިއްޖެނަމަ ގާނޫނުގެ ދަށުން ޖޫރިމަނާ ވާކަމަށްވެސް މީރާއިން މައުލޫމާތު ދެއެވެ.

މީރާއިން މައުލޫމާތު ދިން ގޮތުގައި، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުން ކުންފުންޏެއް ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިކުރެވޭނީ އެ ކުންފުންޏެއް ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއިން އުވާލުމުންނެވެ.

އެހެންކަމުން، ވިޔަފާރި ނުކުރާ، އުވާލަން ބޭނުންވާ ކުންފުނިތައް، ކުންފުންޏާ ބެހޭ ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުގެ މަތިން ރަޖިސްޓްރާ އޮފް ކޮންޕެނީޒްއަށް ހުށަހަޅައިގެން އުވާލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މީރާއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އިލްތިމާސް ކޮށްފައެވެ.

އަމިއްލަ ފަރުދުން މީރާގައި ރަޖިސްޓަރީ ކުރުމާއި، ޓެކްސް ބަޔާން ހުށަހެޅުމާ ގުޅޭގޮތުން 2017 ވަނަ އަހަރުތެރޭގައި މީރާއިން ވަނީ ލުއިތަކެއް ދީފައެވެ. އެހެންނަމަވެސް، ޓެކުހާގުޅޭ ގާނޫނުތަކުގައި ވަކި ގޮތަކަށް ކަނޑައެޅިފައިވާތީ، މި ލުއިތަކެއް ކުންފުނިތަކަކަށް ރައްދެއް ނުވެއެވެ. ނަމަވެސް ކުދި ވިޔަފާރިތަކުން ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކުރުމާގުޅޭގޮތުން ދެވިފައިވާ ލުއިތަކަކީ ކުންފުނިތަކަށްވެސް ރައްދުވާ ލުއިތަކެއް ކަމުގައި މީރާއިން ހާމަކުރެއެވެ.