ހަބަރު

މާލޭގައި އެކްސިޑެންޓެއްވެ ދެ މީހަކަށް އަނިޔާވެއްޖެ

Jan 18, 2019

މާލޭގައި މިރޭ އެކްސިޑެންޓެއްވެ ދެ މީހަކަށް އަނިޔާވެއްޖެ އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބޭރު މަގުން ސެނެހިޔާ ކައިރީގަ އެވެ.

ފުލުހުން މިރޭ ބުނީ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 9:27 ހާއިރު ކަމަށެވެ. އަނިޔާވެފައިވަނީ 51 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެ ދެ މީހުންނަށް ސެނެހިޔާ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު އައިޖީއެމްއެޗްއަށް ބަދަލުކޮށް އެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރިންގްރޯޑުން ދުއްވާފައި އައި ދެ ސައިކަލް ބުރުޒު މަގުން އަޅަން އުޅުމުގެ ތެރޭގަ އެވެ.

އަނިޔާވި ދެ މީހުންނަކީ ވެސް އެއް ސައިކަލެއްގައި ތިބި ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. އަނެއް ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާ ލިބިފައެއް ނުވެ އެވެ.