ހަބަރު

ރިލްވާންގެ އުފަންދުވަހު ދައްތަގެ ހިތުގެ އެންމެ ފުންމިނުން

މިއަދަކީ، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންގެ 33 ވަނަ އުފަންދުވަހެވެ. މީގެ ފަސް އަހަރު ކުރިން ރިލްވާން ގެއްލުނު ފަހުން އޭނާގެ ހިލަމެއް ވެސް ނުވެ އެވެ. އޭނާއަށް ވީގޮތެއް ވެސް އެނގޭ މީހަކު ނެތެވެ. އާއިލާއިން ތިބީ ރިލްވާން ވީ ގޮތެއް ނޭނގި އެ ގިސްލުމާއި ވޭނުގަ އެވެ، މިކަހަލަ ކޮންމެ ދުވަހަކު އޭނާގެ އާއިލާގެ ލޮލުން ކަރުނަ އޮހެ އެވެ. ރިލްވާން ނެތުމުގެ ފަޅުކަން އެ މީހުން އިހުސާސްކުރެ އެވެ.

ރިލްވާންގެ އާއިލާއިން އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދި އެންމެ ބޮޑަށް ވަކާލާތު ކުރި ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒުގެ ދެލޮލުގައި ހުރި ކަރުނަ އާއި ހިތުގައި އަޅާވޭން އޭނާ ބުނެދެނީ ޅެން ބައިތުތަކުން އެވެ. ހިތުގެ އެންމެ ފުންމިނުގެ ހިނގާ އެ އިހުސާސްތައް ކިޔަައިދޭން އެ ނޫން މަގެއް އޭނާއަކަށް ނެތެވެ.

"ލޯބިވާ ރިޟްވާން ކޮއްކޮގެ ހަނދުމަތައް ނުފިލާނެޔޭ، ލޯބިތިޔަ ހިނިތުންވުމާ ވަކިވީ ގޮތުން ދަތިވޭ ހިތަށް،
ދަރިޔަކަށް ނުވިޔަސް ކުލުނު ހަމަ ދަރިޔަކާ އެއްފަދައޭ،
ދަރިމަގޭ ދެލޮލަށް ނުފެނި ފޮރުވާލުމުން ތަދުވޭ ހިތަށް"

މައިވަންތަކަމުގެ ލޯބި ނެތަސް ކޮއްކޮ ދެކެ، ދައްތައަކު ލޯބި ވާނީ ވެސް ހަމަ މަޔަކު ފަދައިން އެވެ. ތެއްތިރީސް އަހަރުވަންދެން އެކުގައި އުޅެބޮޑުވި ކޮއްކޮ ވީ ނުވީ އެއް ނޭނގި ކުއްލި ގޮތަކަށް ގެއްލުމުން ދައްތަގެ ހިތުގައި އަޅާ ވޭން ޝެހެނާޒް ކިޔައިދެ އެވެ. އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކު ރިލްވާން ނެތުމުގެ ފަޅުކަން އެ އާއިލާއިން އެ ދަނީ އިހުސާސްކުރަމުން އެވެ. ރިލްވާންގެ ދައްތަ ބުނަނީ، އެ އާއިލާއިން އެދި އެދި ތިބީ އަދިވެސް އިންސާފު ލިބޭނެ ކަމަށެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް އަލިކަމެއް އަދިވެސް ނުލިބޭ އިރު މީގެ ދެ އަހަރު ކުރިން ރިލްވާންގެ ތަހުގީގާ ގުޅޭ ބައެއް ވީޑިއޯތައް ފުލުހުން އާންމުކުރި އެވެ. ވީޑިއޯތަކަށް ބިނާކޮށް ފުލުހުން ބުނެފައި ވަނީ ރިލްވާން ގެއްލުވާލި ރޭ އޭނާއަށް ދެ މީހަކު ފާރަލީ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކާރެއްގައި ހުރި އިސްތަށިން ހޯދުނު ޑީއެންއޭ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ބުނެ އެވެ.

ރިލްވާންގެ ގެއްލުވާލި މައްސަލާގައި ދެ މީހަކަށް ދައުވާކޮށް، އެ މައްސަލާގައި ޝަރީއަތް ނިމުނު އިރު މައްސަލަ ސާބިތެއް ނުވި އެވެ. އެކަމަކު ރައީސް ސޯލިހުގެ އުފެއްދެވި ކޮމިޝަނަކުން މައްސަލައިގެ ތަހުގީގު އަލުން ވަނީ ފަށައިފަ އެވެ. އެއީ އެ އާއިލާއަށް ވެސް އަދި އޭނާގެ ރަށްޓެހިންނަށް ވެސް ކުޑަ އުންމީދެކެވެ.

ރިލްވާން ގެއްލުނުތާ ފަސް އަހަރު ފުރި އޭނާގެ އާއިލާއިން އަދިވެސް އެދެނީ އިންސާފު ހޯދައި ދިނުމަށެވެ. ރިލްވާން ދައްތަގެ ޅެމުގައި ބުނާފަދައިން، ރިލްވާން ގެއްލުވާލި މައްސަލައަށް އިންސާފު ދެއްވާތޯ މާތްﷲގެ ހަޒުރަތުގައި އެ މީހުން ތިބީ ދުއާ ދަންނަވަ ދަންނަވަ އެވެ.