ބޮލީވުޑް

ކަންގަނާ ފިލްމީ ދާއިރާއަށް ނިކުތް އިރު ހުރީ "ބަންދުވެފައި"

Jun 29, 2015

މިހާރު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު ތަރި އަކީ ޝައްކެއްވެސް ނެތް ގޮތުގައި ކަންގަނާ ރަނާވަތު އެވެ. “ކްއީން" އިން ނެޝަނަލް އެވޯޑް ކަންގަނާ އަށް ލިބުމާއިއެކު މަޝްހޫރު ގިނަ ޑައިރެކްޓަރުންގެ ފިލްމުތައް ކަންގަނާއަށް އޮހެމުން އަންނައިރު، ކެރިއަރުގެ ކުރީކޮޅުގައި އޭނާ ހުރީ "ބަންދުވެފައި" ކަމަށް ކަންގަނާ ބުނެފި އެވެ.

އެގޮތުން އޭނާ ބޮލީވުޑަށް "ގޭންގްސްޓާ" އިން 2006 ވަނަ އަހަރު އުފަންވި އިރުން ފެށިގެން އޭގެ ފަހުން ކުުޅުނު ހުރިހާ ފިލްމުތަކެއް ހެން ކަހަލަ ގޮތަކަށް ކުޅުނު ފިލްމުތަކުގައި ކަންގަނާ ކުޅުނު ކެރެކްޓާ ވަނީ މަރާލާފައިކަމަށެވެ. އެކަމުގެ ސަބަބުން ކެރިއަރުގެ ކުރީކޮޅުގައި "ބަންދުވެފައި" ހުރި ކަހަލަ އިހްސާސެއް ކުރެވި، އެކަމުން އަރައިގަނެ އޭނާ އަކީ ހުނަރުން ފުރިފައި ހުރި އެކްޓަރެއްކަން ދައްކަން އުނދަގޫވި ކަމަށް ކަންގަނާ ބުނެފި އެވެ.

އެހެންނަމަވެސް ވަރަށް ބުރަ މަސައްކަތުން މިހާ ހިސާބަށް އާދެވި މިއަދު އެއްވެސް ކަމަކާއި ޖެހިލުންނުވެ، ކަންތައްތަކާއި ކުރިމަތި ލާން ކެރޭކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ.

“ވަރަށް ބުރަ މަސައްކަތުން އަހަރެން މިވަނީ އިޑަސްޓަރީގައި މީހުން ބަލައިގަންނަ މީހަކަށް ވެފައި" ކަންގަނާ ބުންޏެވެ.

ކަންގަނާ އެންމެފަހުން ފެނިގެންދިޔަ ބްލޮކްބާސްޓާ ފިލްމު "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" ގައި ޑަބަލް ރޯލު ކުޅެ ގިނަ ބަޔަކު ކަންގަނާ އަށް ތައުރީފުކުރަމުން ނެވެ. މީގެއިތުރުން ވެސް މިދިޔަ އަހަރު ނިކުތް ފިލްމު "ކްއީން" އިން ކަންގަނާ އަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑާއި އައިފާ އެވޯޑްވެސް ވަނީ ލިބިފަ އެވެ.

ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ބަތަލާއިން ފަހަތަށް ޖައްސާލުމަށްފަހު މިއަދު ފިލްމު އިންޑަސްޓްރީގެ ތާޖު ކަންގަނާ އަޅައިގެން އިންއިރު، ކުރަން ފަސްޖެހޭ އެއްވެސް ކަމެއް ނެތެވެ. ކޮންމެކަމަކާވެސް މިއަދު ކުރިމަތި ލާނީ ވަރަށް ކެރިގެންކަމަށް ކަންގަނާ ބުންޏެވެ.