ވިޔަފާރި

ނީލަން ބާޒާރު: އަގު ހެޔޮ، ގާތްވި ވަރަކަށް އަދި މާ އަގުހެޔޮ

Jun 29, 2015

ދޯނި ތޮށިގަނޑާ ކައިރި ކުރުމާއެކު ދޯންޏަށް މީހުން އަރަން ފެށި އެވެ. މި ދޯނިތައް ފުރާލާފައި ވަނީ ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ ސާމާނުންނެވެ. ދޯންޏަށް އެރި މީހުން އަގު ކިޔަން ފެށި އެވެ. މިއީ ރޯދަ މަހުގެ ހެނދުނު ދަތުރުވެރިންގެ މާރުކޭޓަށް ތަކެތި ގެނެސް ވިއްކާ ނީލަން ބާޒާރެވެ.

"ރަށްރަށުން ގެންނަ މި ސާމާނު މި ނީލަށް ކިޔަނީ. ނީލަމުގައި އެންމެ މަތީ އަގެއް ހުށަހަޅާ މީހަކަށް މި ދޫކޮށްލަނީ،" ތޮއްޑޫން ކަރާ ހިފައިގެން އައިސް ހުރި މޫސަބެ ބުންޏެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު ވެސް މި ނީލަން ބާޒާރު އޮވެ އެވެ. މި ބާޒާރުން ތަކެތި ނަގަނީ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ތަކެތި ވިއްކާ މީހުންނާއި މާރުކޭޓުގައި ތިބޭ މީހުންނެވެ. މީގެ އިތުރުން މި ބާޒާރުގެ ތެރެއަށް "ވަންނަ" އަނެއް ބަޔަކީ ރިސޯޓުތަކަށް ސަޕްލައިކުރާ މީހުންނެވެ. އަދި މާލޭގެ ކަންމަތީ ފިހާރަތަކާއި ބޮޑެތި މާޓުތަކުގެ ސޭޓުންގެ ނަޒަރުވެސް މި ބާޒާރަށް ހުއްޓެވެ. މީގެ ސަބަބަކީ މި ބާޒާރުގައި ގަނޑުކޮށް މުދާ ލިބޭލެއް އަގުހެޔޮވުމެވެ. ފަތްކޭލާއި ކަރާ ފަދަ ތަކެތި ހެޔޮ އަގުގައި މި ބާޒާރުން ލިބެން ހުރެ އެވެ.

މި ބާޒާރުގައި ބަށި ކިލޯއެއް 25ރ. ވަރަށް ލިބޭއިރު، މިއީ މާރުކޭޓުގައި 30ރ. އާއި 35ރ. އާ ދެމެދުގައި ލިބޭ އެއްޗެކެވެ. މީގެ އިތުރުން މި ބާޒާރުގައި އެންމެ ގިނައިން ގެންނަ ޑިމާންޑް ބޮޑު އެއް ބާވަކީ ކުރުނބާ އެވެ. ބާޒާރުގައި 25ރ. އަށް ކުރުނބައެއް ވިއްކާއިރު، ނީލަން ބާޒާރުން ކުރުނބައެއް ޖެހެނީ 18ރ. އާއި 20ރ. ވަރަށެވެ.

"މިތަނުން މި ވިއްކަނީ ގަނޑުކޮށް މުދާ ނަގަން އަންނަ މީހުން ނަށް. ގިނައިން ނަގާނަމަ އަގު ހެޔޮ ވާނެ،" ކުރުނބާ ވިއްކަން ހުރި މީހަކު ބުންޏެވެ.

މި ބާޒާރުގައި "ކަޓު" ގެ ބައި ވެސް ބޮޑެވެ. މިކަމުގެ އަޑީގައި އުޅެނީ ބިދޭސީންނެވެ. ގިނަ ފިހާރަތަކާއި ގޮޅިތަކުން މުދާ ގަންނަން ފޮނުވަނީ ބިދޭސީންނެވެ. އަދި ދޯނީގައި ދަނޑުވެރިކަމުގެ ސާމާނު ހިފައިގެން އަންނަނީ ވެސް ބިދޭސީންނެވެ. އެހެންކަމުން މިބައި މީހުންގެ މެދުގައި "ވިޔަފާރީގެ ޑީލް" ވަރަށް ފުރިހަމަ އަށް އޮވެ އެވެ. ނީލަން ބާޒާރުގައި މުދާ ހިފައިގެން އަންނަ މީހުންނާ ގާތްވި ވަރަކަށް ހެޔޮ އަގުގައި މުދާ ލިބެ އެވެ. ގާތްވުމުން ހާއްސަ އަގެއްގައި މުދާ ލިބެ އެވެ.

"މި ކަމުގައި ވެސް އެންމެ އަޑީގައި މި ތިބެނީ ބިދޭސީން. ދިވެހިން ކަންނެތް ވީމަ މި ފޮނުވަނީ ބިދޭސީން. އެ މީހުން ފޮނުވީމަ އެމީހުނަށް ބޮޑު ފައިދާއެއް ލާފަ މި ވިއްކަނީ. މިގޮތަށް ވިއްކުމުން އަގަށް ބަދަލު އާދެ. އަގު ބޮޑުވޭ،" ތޮއްޑޫ ދަނޑުވެރިއެއް ނަން ނުޖެހުމަށް އެދި ބުންޏެވެ.

މި ބާޒާރުގައި ރިސޯޓު ސަޕްލައިކުރާ މީހުންގެ ނުފޫޒު ވެސް ބޮޑެވެ. މީގެ އެއް ސަބަބަކީ ގޮޅިތަކުން ސާމާނު ނަގާ ވަރަށް ވުރެ އެތަށް ޕަސެންޓެއް ބޮޑުކޮށް ރިސޯޓު ސަޕްލައިއަރުން މުދާ ނެގުމެވެ. މި މީހުންނަކީ ނީލަން ބާޒާރުގައި ނުފޫޒު ގަދަ ބައެކެވެ.

"ބާޒާރަށް ބޭނުން ވާރަށް ކަރާ ނުލިބޭ އެއް ސަބަބެއް ރިސޯޓު ތަކުން ނެގުން. އެ މީހުން ކަރާ ކިލޯއެއް މި ނަގަނީ 30ރ. ވަރަށް. އެ މީހުން ރިސޯޓަށް މި ވިއްކަނީ 40ރ. ވަރަށް ކަރާ ކިލޯއެއް. މިއީ ވަރަށް ފައިދާ ނަގާ ބައެއް،" ގަނޑުކޮށް ކަރާ ވިއްކަން ހުރި މުހައްމަދު އީސަ ބުންޏެވެ.

ނީލަން ބާޒާރަކީ ގަނޑުކޮށް މުދާ ވިއްކާ ބާޒާރެ އެވެ. މިއީ ދަނޑުވެރިންގެ މާރުކޭޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ އެންމެ މުހިންމު އެއް ތަނެވެ. މިތަނުން މުދާ ވަރަށް ހެޔޮކޮށް ލިބެން ހުރެ އެވެ.