ދުނިޔެ

ޓްރަމްޕް - ކިމް ގެ ދެވަނަ ސަމިޓު އަންނަ މަހު ފަހު ކޮޅު

Jan 19, 2019

ވޮޝިންގްޓަން (ޖެނުއަރީ 19) - އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދެމެދު ބާއްވާ ދެވަނަ ސަމިޓް އަންނަ ފެބްރުއަރީ މަހުގެ ފަހު ކޮޅު ބާއްވަން އެއްބަސްވެފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

އެ ނިންމުން އިއުލާނު ކޮށްފައި ވަނީ، ކިމްގެ ވަރަށް އަރިސް ބޭފުޅަކާއެކު ޓްރަމްޕް ބޭއްވެވި ބައްދަލުވުމަކަށްފަހު އެވެ.

"ދެވަނަ ސަމިޓަކާއި ނިއުކުލިއާ ހަތިޔާރު ނައްތުލަމާއި ގުޅޭގޮތުން އުތުރު ކޮރެއާގެ މަންދޫބު ކިމް ޔޮންގް ޗޮލް އާއެކު ޓްރަމްޕް ވަނީ ދޮޅު ގަޑިއިރުގެ މަޝްވަރާތަކެއް ކުރައްވާފައި، އަދި އަންނަ ފެބްރުއަރީ މަހުގެ ފަހު ކޮޅު ސަމިޓް ބާއްވާނެ ތަނެއް ފަހުން އިއުލާނު ކުރެވިގެން ދާނެ،" ވައިޓް ހައުސްގެ ތަރުޖަމާނު ސޭރާ ސެންޑާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ މިދިޔަ ޖޫން މަހު އުތުރު ކޮރެއާގެ ލީޑަރުން ކިމް ޖޮންގް އުން އާއެކު ސިންގަޕޫރުގައި ބައްދަލު ކުރައްވައިފަ އެވެ. އެ ތާރީހީ ސަމިޓުގައި، ކޮރެއާ ސަރަހައްދަކީ ނިއުކުލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ނަމަވެސް، މިހާތަނަށް އެ މަސައްކަތަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވެ އެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވި ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީން ކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާއެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަ ކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަ ކުރައްވާފަ އެވެ.