ދުނިޔެ

ކެންޔާގެ ހޮޓަލަށް ދިން ހަމަލާގައި ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކޮށްފި

Jan 19, 2019

ނައިރޯބީ (ޖެނުއަރީ 19) - މިދިޔަ އަންގާރަ ދުވަހު ކެންޔާގެ ވެރިރަށް ނައިރޯބީގައި ހުރި ހޮޓަލަކަށް ބަޑި ހިފައިގެން ބަޔަކު ވަދެ ދިން ހަމަލާއާ ގުޅިގެން، ހައްޔަރުކޮށްފައިވާ މީހުންގެ ބަންދަށް 30 ދުވަސް އެ ގައުމުގެ ކޯޓަކުން ދީފި އެވެ.

އެ ހަމަލާގައި މިހާތަނަށް 21 މީހުން މަރުވެފައިވާއިރު، ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި، ކެންޔާގެ ހަތަރު މީހަކާއި، ކެނެޑާގެ ރައްޔިތެއް ހިމެނެ އެވެ.

އަލްގައިދާ އާއި ގުޅުން އޮންނަ، ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އަލް ޝަބާބުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި، އެ ހަމަލާދީފައިވަނީ، އިޒްރޭލުގެ ވެރިރަށަކީ މާތްވެގެންވާ ގުދުސްކަމުގައި ބަލައިގަންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމުމާއި ގުޅިގެން އެ ނިންމުމުގެ ރައްދެއްގެ ގޮތުގައި ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި، 16 ކެންޔާ މީހުންނާއި، އިނގިރޭސިއަކާއި އެމެރިކާ މީހެއްގެ އިތުރުން، އެފްރިކާ ނަސްލުގެ އިތުރު ތިން މީހަކު ހިމެނޭކަމަށް ކެންޔާ ސަރުކާރުން ވަނީ ބުނެފަ އެވެ.

ނައިރޯބީގައި ހުންނަ ދުސިޓް ކޮމްޕްލެކްސް ސަރަހައްދުން 700 އަށް ވުރެ ގިނަ އާންމުން ސަލާމަތް ކުރެވިފައިވާކަމަށް ވެސް ކެންޔާ ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.

ތަހުގީގު ފުރިހަމަކޮށް، އެ އަމަލުގެ އެންމެ ފުނަށް ދިޔުމަށް އެކަށީގެންވާ ވަގުތު ބޭނުންވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.