ހަބަރު

ޕްރައިމަރީގައި ބިލެތްފަހީގެ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު

އެމްޑީޕީ އިން އިއްޔެ ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ށ. ބިލަތްފަހީގައި ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށްފި އެވެ.

ޕްރައިމަރީގައި ކަނޑިތީމު ދާއިރާއަށް ވާދަ ކުރީ އަބްދުﷲ ޝަހީމް އަބްދުލް ހަކީމް އާއި އަމީން ފައިސަލް އެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އަމީންއަށް 456 ވޯޓު ލިބުނު އިރު ޝަހީމްއަށް ލިބުނީ 462 ވޯޓެވެ. ޝަހީމް ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހަ ވޯޓުގެ ތަފާތަކުންނެވެ.

ނަމަވެސް "އަވަސް"އާ ވާހަކަދެއްކެވި ފައިސަލްގެ އިންތިހާބީ އޭޖެންޓު އަހުމަަދު ސާލިމް ވިދާޅުވީ ބިލަތްފަހީގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް ވޯޓު ލާފައި ވަނީ އެ ރަށުގައި ނެތް ބައެއް ކަމަށާއި އެގޮތަށް 11 މީހުން ރަށުގައި ނެތް އިރު އެ މީހުންގެ އައިޑީކާޑު ބޭނުންކޮށްގެން އެހެން ބަޔަކު ވޯޓުލާފައިވާ ކަމަށެވެ. އެ 11 މީހުން ތިބީ މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކަމަށާއި އެ މީހުން ގުޅައި ޝަކުވާ ކުރަމުން އަންނަ ކަމަށް ސާލިމް ވިދާޅުވި އެވެ.

"ރަށަށް ރަޖިސްޓާކޮށްފައި ތިބި ނަމަވެސް ރަށުގައި މިވަގުތު ނެތް 11 މީހަކު އެބައިން ބިލަތްފަހީ ވޯޓުފޮއްޓަށް ވޯޓުލާފައި، އެ މީހުންގެ އައިޑީކާޑު ނަގައިގެން އެ ބޭނުންކޮށްގެން އެހެން މީހުން ލައްވާ މިހުރީ ވޯޓުލާފައި، އެ މީހުންނަކީ ރަށަށް އާންމުކޮށް ނާންނަ މީހުންވީމަ ސީދާ އެއީ ވަކި ކާކު ކަމެއް ވޯޓުލާ މަރުކަޒުގައި ތިބި މީހުންނަށް ނޭނގެ، އެހެންވެ ނުބައި ބަޔަކު ލައްވާ ވޯޓުލައިގެން އޮޅުވާލާފައި މިއޮތީ،" ސާލިމް ވިދާޅުވި އެވެ.

ސާލިމް ވިދާޅުވީ އޮޅުވާލައިގެން ވޯޓުލި 11 މީހުންގެ ވޯޓު ބާތިލުކޮށްފި ނަމަ އަމީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެމްޑީޕީގެ ލީޑާޝިޕްއާ ހިއްސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރަށުގައި ނެތި ވޯޓު އެޅި މީހުންގެ ނަންތައް ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ބައެއް ބޭފުޅުންނާ އަޅުގަނޑުމެން މިހާރުވެސް ވާހަކަދައްކައިފިން، އެ ބޭފުޅުން ވިދާޅުވީ އެކަމުގެ ހެކި ހުށަހަޅަން، އެހެންވެ ހެއްކާއެކު ރަސްމީކޮށް ލީޑާޝިޕަށް މި މައްސަލަ ހުށަހެޅުމަށް މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓު ޝަހީމް ވިދާޅުވީ އިންތިހާބުގައި ވޯޓު އޮޅުވާލާފާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ވޯޓުލުން ކުރިޔަށް ދިޔަ އިރު މަރުކަޒުގައި ދެ ކެންޑިޑޭޓުންގެ އޮބްޒާވަރުން ވެސް ތިއްބެވި ކަމަށާއި ކަމެއް ގޯސްކޮށް ހިނގާ ނަމަ އެ ބޭފުޅުންގެ ސަމާލު ކަމަށް އަންނާނެ ކަމަށެވެ.

"އަޅުގަނޑު މި ހުރީ މާލޭގައި ވޯޓުގައި އޮޅުވާލާފައިވާ ކަމެއް އަޅުގަނޑަކަށް ހަމަގައިމު ވެސް ނޭނގޭ، އެމްޑީޕީގެ އިންތިހާބެއް މިއީ ޕާޓީ އިން ވެސް ބޭފުޅަކު ހުރޭ ވޯޓުފޮށި ބަލަހައްޓަން، ކަމެއް އުޅޭ ނަމަ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަކަށް ގަބޫލެއް ނުކުރަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މައްސަލައެއް އުޅޭ ނަމަ އެކަން ޕާޓީއަށް ހުށަހަޅައިގެން ކުރިޔަށް ގެންދަން އެދޭ ކަމަށެވެ. އަދި އެކަމުގައި ޕާޓީ އިން ނިންމަވާ ގޮތެއް ގަބޫލު ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.