ދުނިޔެ

ސަރުކާރު ހުއްޓިފައި އޮތުން ނިންމުމަށް ޓްރަމްޕްގެ ހުށަހެޅުންތަކެއް

Jan 20, 2019

ވޮޝިންގްޓަން (ޖެނުއަރީ 20) - މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި، އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ "ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ބަޖެޓު ފާސްނުކުރެވި، ސަރުކާރުގެ ބޮޑުބައެއް ހުއްޓިފައި އޮތް އޮތުން ހައްލުކުރުމުގެ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕް ފިޔަވަޅުތަކެއް ހުށަހަޅުއްވައިފި އެވެ.

ބަޖެޓު ފާސްނުވެ، ސަރުކާރުގެ ބޮޑުބައެއް ހުއްޓިފައި އޮންނަތާ މިހާރު ހަތަރު ހަފްތާވެފައިވާއިރު، މައިންބަފައިންނާއެކު ގަވާއިދާ ހިލާފަށް އެމެރިކާއަށް އެތެރެވެފައިވާ މީހުންނަށް އިތުރު ލުއިތަކެއް ދިނުމަކީ ޓްރަމްޕްގެ އެއް ހުށަހެޅުމެވެ. "ޑްރީމާސް" ގެ ކެޓަގަރީ އެއް ފެެތޭ އެފަދަ މީހުންނަށް ޑިޕޯޓު ކުރުމުން ހިމާޔަތްދީފައިވާއިރު، އެމެރިކާގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. ނަމަވެސް، އެފަދަ 700،000 އަށް ވުރެ ގިނަ މީހުން އެމެރިކާގައި ދިރިއުޅޭއިރު، އެމެރިކާގެ ރައްޔިތަކަށް އެމީހުންނަށް ނުލިބޭނެ އެވެ.

"ޑްރީމާސް" ޕްރޮގްރާމާއި ޓްރަމްޕް ކުރިން ދެކޮޅު ނަމަވެސް، އެފަދަ މީހުންނަށް އިތުރު ތިން އަހަރުގެ މުއްދަތަށް ހިމާޔަތްދިނުމަށް ޓްރަމްޕް ވަނީ ހުށަހަޅުއްވައިފަ އެވެ. މީގެ އިތުރުން، ހަނގުރާމަ އާއި ކާރިސާތަކުގެ ސަބަބުން އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހުންނަށް ވެސް ހަމަ އެ މުއްދަތަށް އެމެރިކާގައި ވަޒީފާ އަދާކުރެވޭ ގޮތަށް ހަމަޖައްސަން ވެސް ޓްރަމްޕް ވަނީ ހުށަހަޅުއްވައިފަ އެވެ.

ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން، ޓްރަމްޕް ވިދާޅުވީ އެ މަނިކުފާނުގެ ހުށަހެޅުންތަކަކީ ދެފަރާތަށްވެސް އެއްބަސްވެވޭނެފަދަ ހުށަހެޅުންތަކެއް ކަމަށެވެ.

ނަމަވެސް، ހައުސް އޮފް ކޮމޮންސް ކޮންޓްރޯލްކުރާ ޑިމޮކްރެޓުން ބުނަނީ ޓްރަމްޕްގެ ހުށަހެޅުންތައް އެކަށީގެންނުވާކަމަށެވެ.

ބަޖެޓު ފާސްނުވުމުގެ ސަބަބުން، އެމެރިކާގެ ޑިފެންސް، ލޭބާ، ހެލްތު، ހޯމްލޭންޑް ސެކިޔުރިޓީ، އެގްރިކަލްޗާ އަދި ޖަސްޓިސް ޑިޕާޓަމަންޓްތަކުގެ ބޮޑުބައެއް ހުއްޓިފައިވާއިރު، 800،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަނީ މުސާރަނުދެވި އެވެ.

މީގެ ތެރޭގައި ޖަލުތަކާއި އެއާޕޯޓު މުވައްޒަފުންގެ އިތުރުން ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ހިމެނެ އެވެ.

ނަމަވެސް، ފާރު މަޝްރޫއަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ނުހިމަނައި، ބަޖެޓު ތަސްދީގު ކުރެއްވުމަށް ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

އެއްވެސް ފައިސާއެއް ނުހިމަނައި، މުވައްޒަފުންނަށް ދީފައިވާ މިމަހުގެ މުސާރަ ޝީޓުތައް ދަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ.

މުސާރަ ނުލިބި އަތްމަތި ދަތިވުމުގެ ސަބަބުން، ގިނަ ބަޔަކު ދަނީ އެމީހުންގެ އަތުގައި ހުރި ބައެއް މުދާތައް އިންޓަނެޓް ސައިޓުތަކުގައި ނީލަން ކިޔަމުންނެވެ. އަނެއް ބަޔަކު، ޕާޓް ޓައިމްކޮށް ސުޕާމާކެޓުތަކުގައި ވަޒީފާ އަދާކުރަން ހުށަހަޅަމުންދާކަމަށް ވެސް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

މިޑް ޓާމް އިލެކްޝަނުގެ ކާމިޔާބީއަށްފަހު ހައުސްގެ މެޖޯރިޓީ ހޯދި ޑިމޮކްރެޓުން ބުނަނީ، އެ ފާރަކީ ބޭކާރު ހަރަދެއް ކަމަށާއި، އިންސާނިއްޔަތާ ވެސް ހިލާފު ކަމެއް ކަމަށެވެ.

އަދި މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ކުއްލި ހާލަތު އިއުލާނުކުރައްވައިގެން ހޯދަންޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

ކުއްލި ހާލަތްތަކުގައި، އަސްކަރީގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބާރު ސީދާ ރައީސަށް ލިބިގެންވެ އެވެ. ނަމަވެސް އެފަދަ ނިންމުމަކާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް ހުދު އެމަނިކުފާނު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.