ދުނިޔެ

އިޒްރޭލުގެ ޖަލުގައި ހައިހޫނުކަމުގެ ހަޅުތާޅު ކުރާ ފަލަސްތީން މީހާ ދޫކޮށްލަނީ

Jun 29, 2015

އިޒްރޭލް ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން މިއަދު ބުނި ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހާދިރު އަދުނާން، 37، ދޫކޮށްލަން ނިންމާފައި ވަނީ އޭނާގެ ބަލިހާލު ބޮޑުވެގެންނެވެ. އަދި ބަނޑަށް ހުންނަތާ 55 ދުވަހަށް ފަހު، މަޑުމަޑުން ކާން ފަަށަން އޭނާ އެއްބަސްވެފައިވާ ކަމަށް ވެސް އެ ނޫސްތަކުން ބުންޏެވެ.

އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީން މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޕަލަސްތީނިއަން ޕްރިޒަނާސް ކްލަބްގެ ވެރިޔާ ގަދޫރާ ފާރިސް މިއަދު ވިދާޅުވި ގޮތުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާޅު ނިންމާލަން އަދުނާންއާ އެކު "އެއްބަސްވުމަކަށް ވަނީ އައިސްފަ" އެވެ. އެއާ އެކު، އަންނަ މަހުގެ 21 ގައި އޭނާ ޖަލުން މިނިވަންކުރާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމިކް ޖިހާދު ޖަމާއަތުގެ މެމްބަރެއް ކަމަށްވާ އަދުނާން އިޒްރޭލުން މީގެ ކުރިން ވެސް އެތައް ފަހަރަކު ހައްޔަރުކޮށްފައިވެ އެވެ. އޭނާ އަކީ އިޒްރޭލުގެ "ސަލާމަތަށް ހުރި ނުރައްކަލެއް" ކަމަށް ބުނެ، އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެ ފަހަރު ހައްޔަރުކުރުމަށް ފަހު އަދުނާން ޖަލުގައި ބަހައްޓާފައި ހުރީ "އިދާރީ ބަންދު"ގަ އެވެ.

"އިދާރީ ބަންދު"ގައި ތިބޭ މީހުންގެ މުއްދަތު ކޮންމެ ހަ މަހަަކުން، ބޭނުން ވަރަކަށް އިތުރުކުރުމުގެ ބާރު އިޒްރޭލަށް ލިބެ އެވެ. ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު އިޒްރޭލުން އެ ގޮތަށް ބަންދުކޮށްފައި އެބަތިއްބެވެ.

އިންސާނީ ހައްގުތަަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ދަނީ އިޒްރޭލުން ގެންގުޅޭ އެ އުސޫލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.