ދުނިޔެ

ކެންޔާ ހޮޓާ ހަމަލާއަށްފަހު ޕްރައިވެޓް ސެކިޔުރިޓީ ގާޑުންނަށް ހަަތިޔާރު ދެނީ

Jan 20, 2019

ނައިރޯބީ (ޖެނުއަރީ 20) - މިދިޔަ އަންގާރަ ދުވަހު ކެންޔާގެ ވެރިރަށް ނައިރޯބީގައި ހުރި ހޮޓަލަކަށް ބަޑި ހިފައިގެން ބަޔަކު ވަދެ ދިން ހަމަލާއަށްފަހު، އާންމުން ގިނަ ސަރަހައްދުތަކުގައި ތިބޭ ޕްރައިވެޓް ސެކިޔުރީޓީ ގާޑުންނަށް ހަތިޔާރުދޭގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އެ ހަމަލާގައި މިހާތަނަށް 21 މީހުން މަރުވެފައިވާއިރު، އާންމުން ގިނަ ސަރަހައްދުތަކުގައި ހުންނަ މުހިންމު އިމާރާތްތަކުގައި ތިބޭ ޕްރައިވެޓް ސެކިޔުރީޓީ ގާޑުންނަށް ހަތިޔާރުދޭން ނިންމާފައިވާކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހުކުރު ދުވަހު ވަނީ އިއުލާނުކޮށްފަ އެވެ.

ހޮޓަލަށް ދިން ހަމަލާގައި، ދެ ސެކިޔުރިޓީ ގާޑުން މަރުވެފައިވާއިރު، ޕްރައިވެޓް ސެކިޔުރިޓީ ކުންފުނިތަކުން ވަނީ ސަރުކާރުގެ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

ނަމަވެސް، ބައެއް ތަޖުރިބާކާރުން ވަނީ އެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އަމިއްލަ މީހުންގެ އަތުގައި ހަތިޔާރު އިތުރުވުމަކީ، މުސްތަގުބަލުގައި ވަރަށް ނުރައްކާތެރިކަމަކަށްވެދާނެ ކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

އަލްގައިދާ އާއި ގުޅުން އޮންނަ، ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އަލް ޝަބާބުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި، އެ ހަމަލާދީފައިވަނީ، އިޒްރޭލުގެ ވެރިރަށަކީ މާތްވެގެންވާ ގުދުސްކަމުގައި ބަލައިގަންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމުމާއި ގުޅިގެން އެ ނިންމުމުގެ ރައްދެއްގެ ގޮތުގައި ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި، 16 ކެންޔާ މީހުންނާއި، އިނގިރޭސިއަކާއި އެމެރިކާ މީހެއްގެ އިތުރުން، އެފްރިކާ ނަސްލުގެ އިތުރު ތިން މީހަކު ހިމެނޭކަމަށް ކެންޔާ ސަރުކާރުން ވަނީ ބުނެފަ އެވެ.

ނައިރޯބީގައި ހުންނަ ދުސިޓް ކޮމްޕްލެކްސް ސަރަހައްދުން 700 އަށް ވުރެ ގިނަ އާންމުން ސަލާމަތް ކުރެވިފައިވާކަމަށް ވެސް ކެންޔާ ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.

އެ މައްސަލާގައި ފަސް މީހަކު ހައްޔަރުކުރެވިފައިވާއިރު، އެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.