ވިޔަފާރި

ސްމާޓް ޕާކިން: މި ހިޔާލު މާލެއަށް ކިހިނެއް؟

Jun 30, 2015

މާލެ މިވަނީ ދުއްވާ އެއްޗިހިން ތޮއްޖެހިފަ އެވެ. މި މައްސަލައަށް ހައްލެއް ހޯދަން ބަލާއިރު ތަޖުރިބާކާރުންގެ ނަޒަރުގައި މާލެއަށް މިހާރު ޕާކު ކުރާނެ އިމާރާތެއް ނުވަތަ އިމާރާތް ތަކެއް ބޭނުންވެ އެވެ. ރައްޔިތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރަންމުންދާއިރު ގިނަ މެންބަރުން ދަނީ "ޕާކިން ބިލްޑިން" އެއްގެ ވާހަކަ ދައްކަމުންނެވެ.

އެކަމަކު މިހާތަނަށް މިފަދަ އިމާރާތެއް ހެދިފައެއް ނުވެ އެވެ. މިފަދަ ތަނެއް ހަދަން ބަލާއިރު އަގު ވެސް ވަރަށް ބޮޑެވެ. ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުގައި "ސްމާޓް ޕާކިން" އެކި ވަސީލަތްތައް ހުރެ އެވެ. މިފަދަ އާލާތެއް ގެނެވިއްޖެނަމަ، ގިނަ އަދަދެއްގެ ވެހިކަލް އެއް ފަހަރާ ޕާކު ކުރެވިދާނެ އެވެ.

މިފަދަ އެއް ވަސީލަތަކީ "ޕީ ޕްލަސް ސްމާޓް ޕާކިން" އެވެ.

ޕާކިން ޓެކްނޮލޮޖީ ފޯރުކޮށްދޭ އިނގިރޭސި ކުންފުންޏަކުން ދެމުން ގެންދާ ޕީ ޕްލަސް ސްމާޓް ޕާކިންގެ އެ ކުންފުނިން ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ މަގުބޫލުކަން ހޯދަމުންނެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގެނެސް ރާވާލާ މި ޕާކިން ވަސީލްތަކުގައި ގިނަ އަދަދެއްގެ ކާރު އެއް ފަހަރާ ޕާކު ކުރެވެ އެވެ. މިއީ މާލެ ފަދަ ބިން ކުޑަ ތަންތަނުގައި ބޭނުން ކުރެވިދާނެ ވަސީލަތެކެވެ. ޕާކިންގެ މި ވަސީލަތް ކޮންޓެއިނާގައި ގެނެސް ފަސޭހައިން ރާވާލެވެ އެވެ. އެ ކުންފުނިން ސްމާޓް ޕާކިންގެ ފަސް ބުރިއަށް ވުރެ ވެސް ބޮޑެތި އިމާރާތްތައް ހަދާފައި ހުރެ އެވެ.