ދުނިޔެ

މެސެޑޯނިއާ ނަމުގެ މައްސަލާގައި ގްރީސްގައި ހަމަނުޖެހުން

Jan 21, 2019

އެތެންސް (ޖެނުއަރީ 21) - މެސެޑޯނިއާގެ ނަން ބަދަލުކުރުމުގެ އެއްބަސްވުމާއި ދެކޮޅަށް ގްރީސްގައި އެތަކެއް ހާސް ބަޔަކު ނުކުމެ ކުރި މުޒާހަރާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.

ސަތޭކައަށް ވުރެ ގިނަ ބަސްތަކުގައި، ވެރިރަށް އެތެންސްގައި ހުންނަ ޕާލިމަންޓު ދޮށަށް މީހުން ޖަމާކޮށްފައިވާއިރު، އެ މުޒާހަރާގައި 60،000 މީހުން ބައިވެރިވިކަމަށް ފުލުހުން ބުނި ނަމަވެސް، މުޒާހަރާ އިންތިޒާމް ކުރި ފަރާތްތަކުން ބުނީ 100،000 އަށް ވުރެ ގިނަ މީހުން އެއްވި ކަމަށެވެ.

މުޒާހަރާގެ ތެރެއިން، ފުލުހުންނާއި ދިމާލަށް ގަލާއި، ޕެޓްރޯލް ބޮން އުކުމުގެ ސަބަބުން، ފުލުހުން ވަނީ މުޒާހަރާ ކޮންޓްރޯލް ކުރަން ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ.

މެސެޑޯނިއާގެ ނަން، ރިޕަބްލިކް އޮފް ނޮދާން މެސެޑޯނިއާއަށް ބަދަލުކުރަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އެ ގައުމުގެ ޕާލިމަންޓުން ފާސްކޮށްފައިވަނީ މި މަހުގެ ތެރޭގަ އެވެ.

ނަން ބަދަލުކުރުމަކީ، އަވަށްޓެރި ގްރީސް އާއެކު ޒަމާނުއްސުރެ އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ދެ ފަރާތުން އެއްބަސްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އޭގެ ބަދަލުގައި، މެސެޑޯނިއާ ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަން އާއި ގުޅުމަށް ހުރަސްއެޅުން ގްރީސް އިން ހުއްޓާލާނެ އެވެ.

ނަމަވެސް، އެ އެއްބަސްވުމާއި ދެކޮޅު ފަރާތްތަކުން ބުނަނީ، މެސެޑޯނިއާ އަކީ ގްރީސްގެ ބައެއް ކަމަށާއި، ސަރުކާރުން ގައުމުގެ ބައެއް އެހެން ބަޔަކަށް ދީފައިވާ ކަމަށެވެ.

ޔޫގޮސްލާވިއާއިން ވަކިވެގެން، 1991 އަހަރު މެސެޑޯނިއާ އިން މިނިވަންކަން އިއުލާނުކުރުމުން، ހަމަ އެނަމުގެ ސަރަހައްދެއް އޮންނަ ގްރީސް އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އެ މައްސަލާގައި ހިޔާލު ތަފާތުވެ، ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް ވަނީ އިބާރުގެ ދެ މައްސަލައަކުން ސަލާމަތްވެފަ އެވެ.