ދުނިޔެ

ހީތުރޯ އެއާޕޯޓް ކައިރީގައި ޑްރޯން އުދުއްސި މައްސަލާގައި ދައުވާކޮށްފި

ލަންޑަން (ޖެނުއަރީ 21) - މިދިޔަ މަހު އިނިގިރޭސި ވިލާތުގެ ހީތުރޯ އެއާޕޯޓު ކައިރިން ޑްރޯނެއް ފެނިގެން، ފްލައިޓުތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު މައްސަލާގައި، މީހަކަށް ދައުވާކޮށްފި އެވެ.

ޑްރޯން ފެނިގެން، ހުޅަނގު ލަންޑަނުގައި އޮންނަ މުޅި ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓުން ފުރާ ފްލައިޓުތައް ގާތްގަނޑަކަށް އެއްގަޑިއިރަށް ހުއްޓާލަން ޖެހުނެވެ.

އެ މައްސަލާގައި، ޖޯޖު ރުސޫ، 38 އަށް ކޮށްފައިވަނީ، މަނާ ސަރަހައްދެއްގައި ހުއްދަނެތި ޑްރޯނެއް އުދުއްސި ކަމުގެ ދައުވާ އެވެ.

ހީތުރޯގައި އެ ހާދިސާ ހިނގާފައިވަނީ، ޑްރޯންތަކެއް އުދުއްސުމުގެ ސަބަބުން ގެޓްވިކް އެއާޕޯޓް ބަންދު ކުރަންޖެހުނުތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ސަލަމާތީ ސަބަބުތަކަށްޓަކައި ގެޓްވިކް އެއާޕޯޓު ރަންވޭ ބަންދުކުރުމުން، 140،000 އަށް ވުރެ ގިނަ މީހުންނަށް ނުފުރި ތާށިވި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 19 އިން 21 އަށް ގެޓްވިކް އެއާޕޯޓް ބަންދުކުރުމުގެ ސަބަބުން، ގާތްގަނޑަކަށް 1،000 ފްލައިޓް ވަނީ ކެންސަލް ކުރަންޖެހިފަ އެވެ.