މީހުން

ޔާމީން ރަޝީދުގެ ފިޔަގަނޑު ތިޔަ ހީކުރާ ވަރަށް ވުރެ ބޮޑު!

ބައެއް މީހުންނަކީ ފޮތުގައި އޮންނަ ދެލިގަނޑު ނުވަތަ ކުލާހުގައި ޓީޗަރު ނަގައިދޭ ފިލާވަޅު ހިތުދަސްކުރަން ބޭނުންވާ މީހުންނެއް ނޫނެވެ. މިކަހަލަ މީހުން ކާމިޔާބު އަދި ހުނަރުވެރި މީހުންނަށް ބަދަލުވަނީ އެމީހުން އަމިއްލަ އަށް ކޮށާ މަގަކުން ހިނގައިގެންނެވެ.

ފަނޑުވުމެއް ނެތް މަގްބޫލުކަމެއް ދިވެހިންގެ މެދުގައި ހޯދާފައިވާ "މާކަނާ ޝޯ" ގެ ފަހަތުގައި ހުރި އެންމެ އިސް އެނިމޭޓަރު އަދި މި ޝޯ އުފައްދަމުން އަންނަ ސެލްމިން އެނިމޭޝަންގެ ވެރިޔާ ޔާމީން ރަޝީދު ވެސް ކާމިޔާބީގެ ފޮނި ރަހަ އިހްސާސް ކުރީ މި ދެންނެވި މަގުން ދަތުރުކޮށްގެންނެވެ.

މި ހުވަފެނެއްގައި ކުލަ ޖައްސަން އޭނާގެ ހިޔާލީ ދުނިޔެ އިން އާންމު ދިރިއުޅުމަށް މަގުކޮށިއިރު އެނިމޭޝަން އަކީ ކޯއްޗެއްކަން މާ ރަނގަޅަށް އެނގޭ ނުވަތަ މި ދާއިރާ އަށް ޝައުގުވެރިވި ބަޔަކު ވެސް ރާއްޖޭގައި ނެތެވެ. އެހެންވީމަ އޭނާ އަކީ "ރާއްޖޭގެ ފުރަތަމަ އެނިމޭޓަރޭ" ވެސް ބުނެވިދާނެ އެވެ.

"އަޅުގަނޑު މި ދާއިރާ އަށް ޝައުގުވެރިވެގެން މި ދާއިރާ އިން ކިޔަވަން ދިޔައިރު އެނިމޭޝަން ކިޔަވަން ދިޔަ އެހެން ދިވެއްސެއް ނެތް އޭރަކު،" ޔާމީން ބުނީ މިހެންނެވެ.

ފަހަރެއްގައި އެނިމޭޝަނަށް ހިތްކިޔައިގެން އުޅުނު ޔާމީން ނަގައިގެން ގޮސް ޓޫރިޒަމްގެ ދާއިރާގެ ކައުންޓަރެއްގެ ފަހަތުގައި އޭނާގެ ބައްޕަ އޭނާ އެންމެ ފުރަތަމަ ބެހެއްޓީ ވެސް މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ. ސްކޫލު ނިންމާލި ގޮތަށް އޭނާ އަށް ބައްޕަ ހޯދައި ދިން ވަޒީފާ އަކީ ރިލެކްސިން ހޮޓަލުގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާ އެވެ.

އެއީ ޓޫރިޒަމްގެ ދާއިރާ އަށް ދަރިފުޅު ވެއްދުމަށް އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުންނެވެ. ނަމަވެސް ރިސެޕްޝަނިސްޓެއްގެ ވަޒީފާ އަށް ނުކުމެ އިނދެ ވެސް ޔާމީން ކުރީ އެހެން މަސައްކަތެކެވެ. އޭނާ އެ މަސައްކަތަކަށް އެންމެ ހިތްކިޔައިގެން އުޅުނު މަސައްކަތެވެ.

ޔާމީން ބުނީ ސްކޫލްގައި އުޅެނިކޮށް ދިމާވި ރައްޓެއްސަކު ދެއްކި ޖާދޫއެއްގައި ޖެހި އެނިމޭޝަންގެ މަސައްކަތަށް ދެވިހިފީ ކަމަށެވެ.

"އަޅުގަނޑަށް މި ފެންނަނީ ކްލާހުގައި އުޅުނު ރައްޓެހި ކުއްޖަކު ފޮތެއްގެ ގަނޑުތަކެއްގެ ކަނުގައި ސްޓިކް މޭންއެއް ކުރަހައިގެން އެ ގަނޑުތައް ފްލިޕްކުރުމުން އޭގައި ހުންނަ މީހާ ފައިޓްކުރާ މަންޒަރު. ދެން އަޅުގަނޑު ވެސް ބޭނުންވެއްޖެ އެގޮތަށް ފޮތުގައި ކުރަހަން،" މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 10ގައި އުޅެނިކޮށް އެނިމޭޝަންގެ ބޭސިކް މަސައްކަތަށް ފެނި އެކަމަށް ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދެމުން ޔާމީން ބުންޏެވެ.

އޭނާ ބުނީ އެހިސާބުން ފެށިގެން އިތުރު އެއް ކަމެއް ވެސް ކުރާ ހިތެއް ނުވި ކަމަށާއި ބޭނުންވީ ފޮތުގައި އެގޮތަށް ކުރަހައިގެން ގަނޑުތައް އެއްލަން ނުވަތަ އެއަށް ވުރެ މޮޅު ގޮތަކަށް އެކަން ކުރާނެ ގޮތެއް ދަސްކުރަން ކަމަށެވެ.

"އަޅުގަނޑު ހަމަ އެކަމަށް ނިކަން ރަނގަޅަށް ދެވިހިފީ. އޭރު އަބަދު ކަމަކަށް އޮންނާނީ ފޮތްތަކުގައި އެގޮތަށް ކުރެހުން. ނުކުރަހާ އެންމެ ފޮތެއް ވެސް ނޯންނާނެ. ޓީޗަރުން އަޅުގަނޑުގެ ބެލެނިވެރިން ގާތު މައްސަލަ ވެސް ޖައްސާ،" ޔާމީން ކިޔައިދިނެވެ.

ޔާމީން ބުނީ އެނިމޭޝަންގެ މަސައްކަތް ދަސްކުރާ ހިތްވިވަރުން ގޮސް އެންމެފަހުން ސްކޫލްގެ ކިޔެވުން މަތިން ވެސް ފޫހިވީ ކަމަށެވެ. އެހެންވެ ސްކޫލް ވެސް ކަޓުވާލާފައި އޭނާގެ ހުރިހައި ވަގުތެއް ހުސްކުރީ ފޮތުގެ ކަނުގައި ދަނޑިކުދި ކުރަހައިގެން އެމީހުންގެ ހަރަކާތްތައް ބެލުމުގަ އާއި އެނިމޭޝަން އަކީ ކޮބައިތޯ ބަލައި ދަސްކޮށް އެ ދިމާލުން އަމިއްލަ އަށް މަގެއް ކޮށުމުގަ އެވެ.

އެގޮތުން އެންމެ ފުރަތަމަ އޭނާ ފެށި "ބޮޑު ޕްރޮޖެކްޓް" ނިންމާލެވުނީ ތިން މަހުންނެވެ. އެއީ ނިރްވާނާ ބޭންޑްގެ "ލަވް ބަޒް" ލަވަ އަށް އުފެއްދި ތިން މިނެޓްގެ ވީޑިއޯ އެކެވެ.

އެ ލަވަ އަށް އޭނާގެ އަމިއްލަ ވީޑިއޯއެއް ހެދީ ވައިޓްބޯޑެއްގައި ކުރަހަމުން ފްރޭމް ބައި ފްރޭމް ފޮހެމުން ވީޑިއޯ ކެމެރާއަކުން އެ ކުރެހުން އެއަށް ނަގަމުންނެވެ. މި ކަމަކަށް ޔާމީންގެ ހިތްޖެހިފައި އޮތްވަރަކީ އެ ތިން މިނެޓްގެ ވީޑިއޯ ހެދުމަށް ތިން މަސް ހޭދަކުރަން ޖެހުނުއިރު ވެސް އޭނާ އެ މަސައްކަތުގައި ވަރުބަލިވެ ކަރުއެލިގެން ނުދިޔަ ކަމެވެ.

އެންމެފަހުން އޭނާގެ މި ޝައުގުވެރިކަމުގައި ދޫނުދިނުމުން އޭނާގެ ބައްޕަ އަށް ވެސް ޖެހުނީ ޔާމީން ބޭނުންވާ ކަހަލަ މަސައްކަތެއް ކުރެވޭނެ ދިމާލަކަށް އޭނާ ކޮއްޕާލާށެވެ. އެގޮތުން ރިސެޕްޝަނިސްޓެއްގެ ވަޒީފާ ދޫކޮށް އޭނާ ގޮސް ވަނީ ޓީވީއެމްގެ ޕްރޮޑިއުސަރުންގެ ކޮޓަރިއަށެވެ. ޕްރޮޑިއުސާ ޓްރެއިނީއެއްގެ ވަޒީފާއަކަށެވެ.

"ދެން ޓީވީއެމަށް ދިޔައިރު އެތަނުގައި ވެސް ނެތް އެނިމޭޝަންގެ އެއްވެސް ކަމެއް. ޕްރޮޑިއުސަރުންގެ މުޅި ޑިޕާޓްމަންޓުގައި ވެސް އޭރު ހުރީ އަދި އެންމެ ކޮމްޕިއުޓަރެއް. އެއީ ހުރިހައި ޕްރޮޑިއުސަރުން ބޭނުންކުރަން ހުރި ހަމައެކަނި ކޮމްޕިއުޓަރު،" ޔާމީން ބުންޏެވެ.

އެހެންވީމަ ޔާމީނަށް ޖެހުނީ އަނެއްކާވެސް އޭނާގެ އަމިއްލަ "ހޮރަށް" ވަދެ އޭނާގެ ހުވަފެނުގައި ކުލަ ޖައްސާށެވެ.

"އަޅުގަނޑު ޓީވީއެމް އަށް ހުށަހެޅީ ކާޓޫނެއް ހަދަން. ދެން މަސައްކަތްކުރާނެ ތަނެއް ނެތީމަ އެ މީހުން ބުނީ މައްސަލައެއް ނެތޭ ގޭގައި އެ މަސައްކަތްކުރިޔަސް. ދެން ކޮންމެ ދުވަހަކު ހެނދުނު ހަތްގަޑިބައިގައި ސޮއިކޮށްފައި އަޅުގަނޑު ގެއަށް ގޮސް ގޭގައި ހުރި ޕެންޓިއަމް ދޭއްގެ ކޮމްޕިއުޓަރަކުން އެ ކާޓޫނު ނިންމީ،" ޔާމީން ކިޔައިދިނެވެ.

"އެ ކާޓޫނު ހެދީ ކޮރަލް މޫވް އިން ކުރެހީ 40،000 ފްރޭމްސް ބޭނުންކޮށްގެން. ފަހަރަކު ފްރޭމެއް ކުރަހަން ޖެހޭނީ. އެއީ އެންމެ ޓްރެޑިޝަނަލް އެނިމޭޝަންގެ ވައްތަރު. އެންމެ ބޭސިކް."

އޭނާ އުފެއްދި 12 މިނެޓްގެ އެ ކާޓޫނު ފިލްމު ވެގެންދިޔައީ ޓީވީއެމްގެ ވެރިންގެ މެދުގައި ހިޓަކަށެވެ. އެހެންވެ އެމީހުން ބޭނުންވީ ޔާމީން އެނިމޭޝަންގެ ދާއިރާ އިން އިތުރަށް ކިޔަވާށެވެ.

އެހިސާބުން އޭނާ ފުރައިގެން ދިޔައީ މެލޭޝިއާގެ ލިމްކޮކް ޔުނިވާސިޓީ އަށެވެ. އެއީ ޑިޖިޓަލް އެނިމޭޝަން ކިޔަވާށެވެ. ނަމަވެސް ދެން ވެސް އޭނާ ބޭނުންވި ގޮތަށް ފޮތުގެ ގަނޑުތައް އެއްލޭ ގޮތެއް ނުވި އެވެ.

"ވަރަށް ބޮޑަށް އަމިއްލަ އަށް ޕްރެކްޓިސްކޮށްފަ ހުރީމަ އެކޮޅުން ބޭސިކް ކިޔަވައިދޭން ފެށީމަ ފޫހިވީ. ދެން އެތަނުގެ ލެކްޗަރާސްއިންނާ ވެސް ޒުވާބުކޮށް އެތަނުން ސަލާމަތްނުވެވިގެން އުޅެން ޖެހުނީ. ބޭނުންވެފައި ހުރީ ޗެލެންޖިން މަސައްކަތެއްކޮށްލަން،" މައްސަލަ ޖެހުނު ގޮތް ޔާމީން ކިޔައިދިނެވެ.

"އެކަމަކު އޭރު އެމީހުން މުޅި ސެމިސްޓާގައި ވެސް ހަވާލުކޮށްފާނެ ބާތުޑޭ ކާޑެއް ހަދަން. އެހެންވީމަ އެ ކިޔެވުން އަޅުގަނޑަކަށް މާ ބޮޑު ތަޖުރިބާއަކަށް ނުވި. އެހެންވީމަ އެތަނުގައި އުޅުނުއިރު ވެސް ގިނަ ދުވަހު ގޭގައި ހުރީ. ގޭގައި ހުރެގެން އަމިއްލަ އަށް މަސައްކަތްކުރީ."

ދެން މި މައްސަލައެއް ބޮޑުވެ އޭނާ ޔުނިވާސިޓީއަށް ނުދާ މައްސަލަ ހޫނުވެގެން އެންމެފަހުން އެތަނުން އޭނާގެ ބެލެނިވެރިންނަށް ސިޓީ ވެސް ފޮނުވި އެވެ.

"ދެން އެންމެ ފަހުން އެތަނުގެ ޕްރިންސިޕަލާ ބައްދަލުކޮށްފައި އަޅުގަނޑު ބުނިން މި ތަނުގައި އުޅޭ ހިތެއް ނުވެޔޭ. ދެން ކެނޑިގެން އައިސް އަނެއްކާވެސް ވަނީ ޓީވީއެމް އަށް،" ދެން ވީ ގޮތް ޔާމީން ކިޔައިދިނެވެ.

"ދެން އެނބުރި ޓީވީއެމް އަށް އައިއިރު އެތަނުގައި ހުރީ އަޅުގަނޑަށް ހާއްސަކޮށްގެން ވަރަށް ވަރުގަދަ ސިސްޓަމެއް ގާއިމުކޮށްދީފައި. ސީދާ ތްރީޑީ ޕްލެޓްފޯމަކަށް ހާއްސަކޮށް މާޔާ ސޮފްޓްވެފާ ވެސް އަޅައިދީފައި ހުރި ސިސްޓަމެއް. އެއީ އޭރަށް ބަލާއިރު ދުނިޔޭގެ ފެންވަރުގެ އެނިމޭޓަރުން ވެސް އެނިމޭޓްކުރަން ބޭނުންކުރާ ވަރުގެ ސިސްޓަމެއް."

އެކަމަކު ދެން ވެސް އޭނާގެ އަތުގައި ނަސީބު ހިފާ ގޮތެއް ނުވި އެވެ. އެ ސިސްޓަމް ވަކި ހިސާބަކުން ހަލާކުވީ އެވެ. މާލެ އިން އޭތި ހެދޭނެ ގޮތެއް ވެސް ނެތި އަނެއްކާވެސް ޔާމީން ދެ އަތް އުރާލައިގެން ފޫހިވެފައި ހުންނަން މަޖުބޫރުވީ އެވެ. 

ސެލްމިން އެނިމޭޝަން ކުންފުންޏަކީ މި ފޫހިކަމެއްގެ ތެރެއިން ނުކުމެގެން ގޮސް އެކުވެރިޔަކާ އެކު އޭނާ އުފެއްދި ކުންފުންޏެކެވެ. ނަމަވެސް އެ ފުރާޅާ އެކު ވެސް މަސައްކަތެއް ނުލިބި އެކަށީގެންވާ އާމްދަނީއެއް ނުލިބުމުން އެންމެފަހުން ޔާމީންގެ އެކުވެރިޔާ ވެސް އެހެން ވަޒީފާގެ މާހައުލަކަށް ބަދަލުވީ އެވެ.

ނަމަވެސް ބަދަލުނުވީ ޔާމީނެވެ. އޭނާގެ ހިޔާލާއި ފިކުރެވެ. ބައްޕަ އާއި އާއިލާގެ އެހެން މީހުންނާއި ދެން ތިބި މީހުން އެއްޗެހި ގޮވިއިރު ވެސް އެނިމޭޝަންގެ މަސައްކަތުގެ ހަރުފަތުން މައްޗަށް އެރުން އޭނާ ހުއްޓައެއް ނުލި އެވެ.

"ދެން އުޅުނީ މަހަކު އެޑެއް ވަރު ހަދާލައިގެން. ބައްޕަ ވެސް ވަރަށް ޝަކުވާކުރާނެ ނުކިޔަވައި ވަޒީފާއަކަށް ނުގޮސް އެގޮތަށް އުޅޭތީ. ދެން އަނެއްކޮޅުން ވާގޮތަކީ އަޅުގަނޑުގެ ކޮއްކޮ މެލޭޝިއާ އަށް ގޮސް ކިޔަވައިގެން އައިސް ޔޫއެންގެ ވަޒީފާއެއްގައި އުޅެނީ ވެސް. އެހެންވީމަ ބައްޕަމެން ބޭނުންވީ އަޅުގަނޑު ވެސް އެގޮތަށް ކިޔަވައިގެން ވަޒީފާއަކަށް ދާން،" ޔާމީން ކިޔައިދިނެވެ.

"އެކަމަކު އަޅުގަނޑު ބޭނުންވީ އެނިމޭޓެޑް ފިލްމެއް ހަދަން ނުވަތަ އެނިމޭޓެޑް ޓޯކް ޝޯއެއް ހަދަން."

އޭރު އެނިމޭޓްކުރާ ގޮތްތައް ބަލައި އެނިމޭޓެޑް ޓީވީ ޝޯއެއް ހަދާނެ ގޮތް ދިރާސާކޮށް ވޯލްޓް ޑިޒްނީ އިން ފެށިގެން އެނިމޭޝަންގެ އެކި ތަޖުރިބާކާރުންގެ ހަޔާތުގެ ސަފުހާތައް ވެސް އޭނާ އުޅުނީ ހިތު ދަސްކޮށްގެންނެވެ. އޭނާގެ ބޮލަށް "މާކަނާ ޝޯގެ" ހިޔާލު ވަނީ މިހާލެއްގައި ތެޅިބާލަމުން ދަނިކޮށެވެ.

"ދެން އެއް ދުވަހަކު ސައިކަލުގައި ދަނިކޮށް މަސްވެރިންގެ ޕާކުގެ ތޮށިގަނޑު މަތީގައި ޖައްސާލައިގެން ހުރި މާކަނައެއް ފެނުނީ އަޅުގަނޑަށް. ހިތަށް އެރީ މިގޮލާ ވާހަކަ ދައްކާ ނަމަ ހާދަ މަޖާވާނެއޭ. ޓޯކް ޝޯއަކަށް ވެސް ވަރަށް ރަނގަޅު އައިޑިއާއަކަށް ވާނެއޭ،" ޔާމީން ކިޔައިދިނެވެ.

ދެން އެ ހިޔާލު އޭނާ ހުށަހެޅީ ޓީވީއެމް އަށެވެ. އެތަނުން އެދުނީ ޑެމޯއެއް ހިފައިގެން އައުމަށެވެ.

"ތިން މިނެޓްގެ އެ ޑެމޯ އަޅުގަނޑަށް ނިންމުނީ އެއް އަހަރުން،" ޔާމީން ބުންޏެވެ.

އޭނާ ބުނީ އެ ޑެމޯއެއް ހަދަން ކެތްތެރިކަމާ އެކު އަހަރު ދުވަސް ހޭދަކުރަން ޖެހުނަސް އޭގެ ނަތީޖާ ފޮނި ކަމަށެވެ. ޓީވީއެމް އަށް އެ ޑެމޯ ކަމުގޮސްގެން ޔާމީންގެ "މާކަނާ ޝޯ" ގެ އެޕިސޯޑަކަށް 20،000ރ. ހުށަހެޅިއިރު އެއީ އޭރު ޓީވީއެމުގައި ވެސް ރިކޯޑެކެވެ. އެތަނުގައި އާންމުކޮށް ޝޯތައް ސްޕޮންސާކުރާ އަގަކީ އޭރު 12،000ރ. އެވެ. 

ޔާމީންގެ ފިޔަގަނޑު ފެޅި ހިސާބަކީ މިއީ އެވެ. ދެން އޭނާ އުދުއްސައިގަތީ އެވެ.

އެންމެފަހުން އޭނާގެ މާކަނާ ޝޯ ވީޓީވީ އަށް ވިއްކާލީ އެޕިސޯޑަކަށް 35،000ރ. އުސޫލުންނެވެ. އެއަށް ފަހު މިހާރު ރާއްޖެ ޓީވީގައި އޭނާގެ ޝޯ ދައްކަމުން ދަނީ އެޕިސޯޑަކަށް 75،000ރ. މަގުންނެވެ.

އެހެންވީމަ މިއީ ރާއްޖޭގައި މިގޮތަށް ކުރިއަށް ގެންދާ އެންމެ އަގު ބޮޑު ޝޯއޭ ބުނުމަކުން އޭގައި ގޯހެއް ވެސް ނެތެވެ. އަދި ހުވަފެނެއް ހަގީގަތަކަށް ހެދުމަށް އެތައް އަހަރެއްގެ ބުރަ މަސައްކަތްކުރަން ޖެހުމަކުން ވެސް އަދި މައްސަލައެއް ނެތްކަން ޔާމީން މި ވަނީ ސާބިތުކޮށްދީފަ އެވެ.

މި އާދަޔާހިލާފު ދަތުރަށް ފަހު މިހާރު އޭނާ އާއި އޭނާގެ ޓީމު ތައްޔާރުވަމުން ދަނީ ނިކަން ވަރުގަދަ ޕްރޮޖެކްޓަކަށެވެ. އޭނާ ބުނީ މިއޮތްހާ ދުވަހު "މާކަނާ ޝޯ" ނޫން އެހެން އެއްޗެއް އޭނާގެ ފަރާތުން ނުފެނުނީ މި ޝޯއެއް ހަދާފައި އެހެން މަސައްކަތެއް ކުރަން ވަގުތު ނެތުމުން ކަމަށެވެ.

"އެންމެ ފުރަތަމަ މީގެ އެޕިސޯޑެއް ހަދަން 15 ދުވަސް ނަގާ. މިހާރު މި ނިންމަކީ އެޕިސޯޑެއް ދެ ދުވަހުން. ދެން މި އޮންނަނީ ފްރީ ދުވަސްތައް،" ޔާމީން ބުނީ އާ މަސައްކަތެއް ކުރުމަށް ނުކުންނަނީ އެ ވަގުތުތައް ފުރާލުމަށް ކަމަށެވެ.

އެގޮތުން އޭނާގެ އާ ޓީވީ ޝޯއެއް "މޭޑް އިން މޯޑިސް" ގެ ނަމުގައި ސަންގު ޓީވީއިން ރޯދަ މަހަށް ފަހު ފަށާއިރު ދެން ކުރިއަށް އޮތް ނިކަން ވަރުގަދަ އެނިމޭޓެޑް ފިލްމެއް ކަމަށް ޔާމީން ބުނެ އެވެ.

"އެނިމޭޓެޑް ވަރަށް ވަރުގަދަ ބޮޑު ބަޖެޓެއްގައި ފިލްމެއް ހެދުމުގެ މަސައްކަތަށް ތައްޔާރުވަމުން މިދަނީ. އެބަޖެޓް ހަމަޖެހިގެން މަސައްކަތް ފެށިއްޖެ ނަމަ އެ ފިލްމު ވެގެންދާނީ ރާއްޖޭގައި އުފައްދާ އެންމެ އަގުބޮޑު ފިލްމަށް،" ޔާމީން ބުންނެވެ.

"ރާއްޖޭން ބޭރުގެ ފެސްޓިވަލްތަކުގައި ވެސް ވާދަކުރެވޭ ފެންވަރަށް އެ ފިލްމު ހަދާނީ. ބޭރުން ތަޖުރިބާކާރުން ވެސް ގެނެސްގެން އެ ފިލްމު ހެދުމަށް ތައްޔާރުވަމުން މި ދަނީ. އެގޮތުން މިއުޒީޝަނުންނާއި ލޭއައުޓް އާޓިސްޓުންނާއި އިލުސްޓްރޭޓަރުން ވެސް ބޭރުން ގެންނަ ގޮތަށް މި ވިސްނަނީ."

އެހެންވީމަ މިހާރު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ޔާމީން ރަޝީދު އަކީ އޭނާގެ "މާކަނާ ޝޯ" ކަހަލަ ސަމާސާއެއް ނޫންކަމެވެ.