ދުނިޔެ

ތަލިބާނުން ދިން ހަމަލާއެއްގައި 100 އަށް ވުރެ ގިނަ އަފްޣާނު ސިފައިން މަރުވެއްޖެ

Jan 22, 2019

ކާބުލް (ޖެނުއަރީ 22) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ބޭރުގައި ހުރި އަސްކަރީ މަރުކަޒަކަށާއި، ފުލުހުންގެ ތަމްރީނު ސެންޓަރަކަށް ތަލިބާނުން ދިން ހަމަލާއެއްގައި، 100 އަށް ވުރެ ގިނަ ފުލުހުންނާއި ސިފައިން މަރުވެފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

"ސިފައިންގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގައި މިހާތަނަށް 126 މީހުން މަރުވެފައިވާކަމަށް މައުލޫމާތު ވަނީ ލިބިފައި،" އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ހަމަލާގައި ޒަހަމްވި މީހުންނަށް ޕްރޮވިންޝަލް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާއިރު، ހާލު ބޮޑު މީހުން މިހާރު ވަނީ ކާބުލްގައި ހުންނަ މައި ހޮސްޕިޓަލަށް ގެންދެވިފަ އެވެ.

ދީނީ ހަރުކަށި ޖަމާއަތެއްކަމުގައިވާ ތަލިބާނުން ވަނީ، އަސްކަރީ މަރުކަޒިގެ މައި ގޭޓު ކައިރީގައި ކާރެއް ގޮއްވާލައިފަ އެވެ. ބޮން ގޮއްވާލުމާއެކު ހަތިޔާރު އެޅި ހަނގުރާމަވެރިން ވަނީ މަރުކަޒު ތެރެއަށް ވަދެގެންފަ އެވެ.

މި ހަމަލާދީފައިވަނީ، މިދިޔަ މަހު، ސަރުކާރުގެ އިމާރާތަކަށް ހަމަލާދީ، 43 މީހުން މަރާލާފައިވާ ވަނިކޮށެވެ.

އެ ފަހަރު ވެސް، އެންމެ ފުރަތަމަ ޖާނުން ފިދާވެގެން، އެ އިމާރާތުގެ މައި ދޮރާށި ކައިރީގައި ކާރެއް ގޮއްވާލުމަށްފަހު، ބަޑި ހިފައިގެން ތިބި ބަޔަކު ވަނީ އިމާރާތުގެ ތެރެއަށް ވަދެފަ އެވެ.