ބޭރު ކުޅިވަރު

ރޮނާލްޑޯ ޖެހި ޕެނަލްޓީ މިސްވި ނަމަވެސް، ޔުވެންޓަސްއަށް ފަސޭހަ މޮޅެއް

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ޕެނަލްޓީ ކާމިޔާބުނުވި ނަމަވެސް، 3-0 ގެ ނަތީޖާއަކުން ކިއޭވޯ ބަލިކޮށް، އިޓަލީ ލީގުގެ އެއްވަނާގައި އޮތް ޔުވެންޓަސްގެ ލީޑު ފުޅާކޮށްފި އެވެ.

މެޗުގެ ދެވަނަ ހާފުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީ ކިއޭވޯގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. ނަމަވެސް، ޑަގްލަސް ކޮސްޓާ އާއި، އެމްރޭ ޗާން އަދި ޑެނިއެލް ރުގާނީގެ ލަނޑުތަކުން، ޔުވެންޓަސް މިހާރު ވަނީ ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން، ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ވަނީ ރޮނާލްޑޯ އަށް ފާޑުކިޔަން ދެކޮޅު ހަދައިފަ އެވެ.

"އަހެރެންނަކަށް ހިޔެއް ނުވޭ މިއީ ރޮނާލްޑޯގެ ކެރިއަރުގައި މިސްވި ފުރަތަމަ ޕެނަލްޓީ ހެންނެއް، އެންމެ މުހިންމު ކަމަކީ އަހަރެމެންނަށް މެޗު ކާމިޔާބު ކުރެވުނުކަން،" އެލެގްރީ ބުންޏެވެ.

ނަމަވެސް، ހާއްސަކޮށް ފުރަތަމަ ހާފުގައި 14 ލަނޑާއެކު ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް ރޮނާލްޑޯ މާ އަވަސް އަރުވާލައިގެން ގޯލުޖަހަން އުޅުނުކަމަށް އެލެގްރީ ބުނެފައިވެ އެވެ.