ބޮލީވުޑް

ޝާހްރުކް، ސަލްމާންގެ "ބޮޑު ކުރިމަތިލުމާއި" ބެހޭގޮތުން ޝާހްރުކް ވާހަކަދައްކައިފި

Jun 30, 2015

އަންނަ އަހަރުގެ އީދުގައި ބޮލީވުޑްގެ ރަސްކަން ކުރާ ދެ ޚާނުންގެ ބޮޑު ކުރިމަތިލުމަކަށް ދާނެކަން މިދިޔަ ހަފްތާގެ ތެރޭގައި ދެކެވުމާއިއެކު، އެވާހަކަތައް އަންނަނީ ނޫސްތަކުގެ ފަލަ ސުރުހީތަކުނެ ޖާގަ ހޯދަމުންނެވެ.

ޝާހްރުކް ޚާންގެ "ރައީސް" އާއި ސަލްމާން ޚާންގެ "ސުލްތާން" އެއްދުވަހެއްގައި ރިލީޒްކުރާނެކަން އިއުލާންކުރެވުމާއިއެކު، ބޮކްސް އޮފީހުގައި ބޮޑު ހަނގުރާމައެއްގެ ފެށުން އިއުލާން ކުރެވުނީގައި ގިނަ ފަރާތްތަކަކުން ބުނަމުން އަންނައިރު، މިއީ އަންނަ އަހަރުގެ ތެރޭގައިވެސް ބޮކްސް އޮފީހުގައި ކުރިމަތިލާނެ އެންމެ ބޮޑު ކުރުމަތިލުން ކަން ގައިމެވެ.

ޝާހްރުކް އާއި ސަލްމާންގެ އިތުރުން ޔާޝްރާޖް ފިލްމްސް އާއި އެކްސެލްގެ ވެސް ބޮޑު ކުރިމަތިލުމަކަށް ދާނެ ކަމަށް ގިނަ ބަޔަކު ބުނާ މިކުރިމަތިލުންދާނީ ކިހާ ވަރަކުން ކަމެއް އަދި ނޭނެގެ އެވެ.

މިކުރިަތިލުމާއި ބެހޭގޮތުން މިދެ ސުޕަސްޓާރުން ރިއެކްޓްކުރާނެ ގޮތަކާއި މެދު މުޅި ދުނިޔެ އިންތިޒާރުކުރަމުން އަންނަކޮށް ޝާހްރުކް ވަނީ އެންމެފަހުން މި "ބޮޑު ހަނގުރާމަ" އާއި ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން މި ކުރިމަތިލުމާއި ބެހޭގޮތުން ދެކެނީ ކޮން ގޮތަކަށްތޯ ޝާހްރުކް ކުރެން އެހުމުން ވަނީ ހިނިގަނޑެއް ޖަހާލާފައި އަހަރެއްގެ 365 ދުވަސް އޮންނައިރު، އޭގެތެރެއިން 54 ދުވަހަކީ ހުކުރު ދުވަސްކަމަށެވެ. އެހެންކަމުން ދެ ފިލްމެއް ބޮޑު ކުރިމަތިލުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މުޅި ދުނިޔެ މިދެތަރިންގެ ފިލްމު އެއް ދުވަހެއްގައި ރިލިޒްކުރާތީ އެކަމާ ކަންބޮޑުވެގެން އުޅުނަސް މިދެތަރިން އެކަމާ މާބޮޑު ހާހެއް ނުވެ އެވެ. އެގޮތުން ޝާހްރުކް ބުނީ އޭނާ އާއި ސަލްމާން އަކީ ވަރަށް ގާތް ދެރަހްމަތްތެރިކަމަށްވާތީ އެދެމީހުން އަބަދުވެސް އެކުގައި އެކި ކަންތައް ކުރަން ބޭނުންވާ ތަރިންނަށް ވާތީ އެމީހުންގެ ފިލްމުތައް އެއްދުވަހެއްގައި ރިލީޒްކުރަން ނިންމާފައި ކަމަށެވެ.

“އެއްދުވަހެއްގައި ފިލްމު ރިލީޒްކުރުމުން ވިޔަފާރި ދެބައި ވެގެން ދާނެ" ޝާހްރުކް އިތުރަށް ބުންޏެވެ.

މިފިލްމުތަކުގެ ޕްރޮޑިއުސަރުން ވެސް މިހާރު އަންނަ އަހަރުގެ އީދުގައި ދެޚާނުންގެ ކުރިމަތުލުމެއް އޮންނާނެ ކަން ޔަގީންކޮށްދީފައިވާއިރު،ކުރިއަށް އޮތް ތަނުގައި މިފިލްމުތަށް ޕްރޮމޯޓްކުރުމަށް މިތަރިން ބޭނުންކުރާނެ އުކުޅުތަކާއި ގޮތްތައް ބަލަން ތިބުން ނޫން ގޮތެއް ނެތެވެ.

ޝާހްރުކް ސްމަގްލާއެއްގެ ރޯލުން ފެނިގެންދާ "ރައީސް"ގެ ޝޫޓިންގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، ސަލްމާންގެ "ސުލްތާން" އަށް ބަތަލާއަކު ހަމަނުޖެހުމުގެ ސަބަބުން ފިލްމުގެ މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭނެގެ އެވެ. ސަލްމާން މިފިލްމުގައި ކުޅެނީ ރެސްލިން ތަޅާމީހެއްގެ ރޯލެވެ.

މިދެތަރިންގެ ގޯސްވެފައިވާ ގުޅުން އެތައް ޒަމާނެއް ފަހުން އަލުން ރަނގަޅު ވެފައިވާއިރު، މިދެތަރިންނަކީވެސް ޔާޝްރާޖް އަށް މުހިންމު ދެތަރިންނެވެ. ޝާހްރުކް ޔާޝްރާޖް ގެ ގިނަ ފިލްމުތަކެއް ކުޅެފައިވާއިރު، ޔާޝްރާޖްގެ ވެރިޔާ އަދިތްޔަ ޗޯޕްޅާ އާއި ޝާހްރުކް އަކީ ގާތް ދެރަހުމަތްތެރިންނެވެ. މީގެއިތުރުން ސަލްމާން އެންމެ ފުރަތަމަ ކުޅުނު ޔާޝްރާޖްގެ ފިލްމު "އޭކް ތަ ޓައިގާ" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާިއިރު، ސަލްމާންގެ "ސުލްތާން" އާއި މެދު ޔާޝްރާޖް އިން ކުރަމުން އަންނަ އުންމީދު ވަކިން ބޮޑެވެ.

ކޮންމެ ގޮތެއް ވިޔަސް އެއްވެސް ބަޔަކު ހަތިޔާރު ބަހައްޓަން ބޭނުން ނުވާއިރު، އަބަދުވެސް އީދުގައި ފިލްމުތައް ރިލީޒްކޮށްގެން ބޮޑު ކާމިޔާބީއެއް ހޯދާ ސަލްމާން ވައްޓާލައި ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިކަމަށް ބުނާ ޝާހްރުކް އަށް އީދުގައި ފިލްމު ރިލީޒްކޮށްގެން ކާމިޔާބު ވެދާނެތޯ ބަލަން ތިބުން ނޫންގޮތެއް ނެތެވެ.

އެންމެފަހުން މިދެތަރިންގެ ކުރިމަތިލުމެއް މިގޮތަށް ހިނގާފައިވަނީ 2006 ވަނަ އަހަރު އެވެ. އެފަހަރު ޝާހްރުކްގެ "ޑޮން" ވަނީ ސަލްމާންގެ "ޖާނެމަން"ގެ މައްޗަށް ކުރި ހޯދާފަ އެވެ.