ބޮލީވުޑް

ސަލްމާން އާއި ވައްތަރު މީހެއް ދެކުނިންތަ؟

Jun 30, 2015
1

މިދިޔަ އަހަރު ނިކުތް ބްލޮކްބާސްޓާ ފިލްމު "ކިކް"ގެ ބައެއް އެކްޝަން މަންޒަރުތަކެއް ނެގުމަށް ވަނީ ސަލްމާން ޚާން އާއި ވައްތަރު މީހެއް ބޭނުންކޮށްފަ އެވެ. ސަލްމާންގެ ސިއްހީ ހާލަތު ހުރި ގޮތުން އެކްޝަން މަންޒަރުތައް ނެގެން ނެތްކަމަށް ބުނެ އެހެން މީހެއް އެ މަންޒަރުތައް ނެގުމަށް ބޭނުންކޮށްފައިވާއިރު، މިފަހަރުވެސް ސަލްމާން އަންނަނީ އެފަދަ ސްޓަންޓް ހަދާ މީހެއް ބޭނުންކުރަމުންނެވެ.

ސުޕަސްޓާ ސަލްމާން ޚާން މިހާރު ކުޅެމުންދާ ޑައިރެކްޓަރު ސޫރަޖް ބަރްތަޖިޔާގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ ބައެއް މަންޒަރުތައް ނެގުމަށް މިފަހަރުު އަންނަނީ ސަލްމާން އާއި ވައްތަރު މީހެއް ބޭނުންކުރަމުންނެވެ.

ސަލްމާން ޑަބަލް ރޯލުން ފެނިގެންދާ މިފިލްމުގެ ނުނިމި ހުރި މަންޒަރުތައް މިހާރު ކަރްޖަތްގައި ނަގަމުން އަންނައިރު، ސަލްމާން ފިލްމުގެ މަންޒަރުތައް ނެގުމަށް ސެޓްގައި ކޮންމެ ދުވަހަކުވެސް ހޭދަކުރަނީ ތިން ހަތަރު ގަޑި އިރު ކަމަށެވެ. އެއަށްފަހު ސަލްމާންގެ ހަށިގަނޑާއި އިސްކޮޅު ހުންނަވަރަށް ހުންނަ އޭނާ އާއި ކޮންމެވެސް ވަރަކަށް އެއްގޮތްކަމެއް ހުންނަ މީހެއް ސަލްމާންގެ ބަދަލުގައި ފިލްމުގެ މަންޒަރުތައް ނެގުމުގައި ހަރަކާތްތެރިވާކަމަށް މިފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ވަނީ ބުނެފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި އާންމުކޮށްފައިވާ މިފޮޓޯތަކުން ފެންނަގޮތުގައި އެމިހާ ސަލްމާން އާއި ވައްތަރުކަން ގިނަ ފަރާތްތަކަކުން ވަނީ ފާހަގަކޮށްފަ އެވެ.

ސަލްމާން މިފިލްމުގައި ފެނިގެންދާނީ ޕްރޭމް ނަމަކަށް ކިޔާ ރަސްދަރިކަލެއްގެ ރޯލުގެ އިތުރުން ވިޖޭ ނަމަކަށް ކިޔާ ސްޓްރީޓް ފައިޓާ އެއްގެ ރޯލުންނެވެ.

ބަތަލާ ސޯނަމް ކަޕޫރު ސަލްމާން އާއިއެކު ލީޑްރޯލުން ފެނިގެންދާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ދިވަލީއާއި ދިމާކޮށް ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ހިމޭޝް ރޭޝަމިޔާ މިއުޒިކް އުފައްދައި، ރާޖިޝްރީ ޕްރޮޑަކްޝަންސްގެ ފަރާތުން ޕްރޮޑިއުސްކުރާ މިފިލްމުގެ މުހިންމު ރޯލުތަކުން ނީލް ނިތިން މުކޭޝް އާއި ސްވަރާ ބާސްކަރް ފެނިގެންދާނެ އެވެ.