ބޭރު ކުޅިވަރު

ޓެކްސްއަށް މަކަރުހެދި މައްސަލާގައި ރޮނާލްޑޯއަށް 21 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

ސްޕެއިންގެ ސަރުކާރަށް ޓެކްސް ދެއްކުމުގައި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މަކަރު ހަދާފައިވާ ކަމަށް، ސްޕެއިންގެ ޓެކްސް އިދާރާއިން ހުށަހަޅާފައިވާ މައްސަލައިގައި، 18.8 ޔޫރޯ (21 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.

ދުރާލާ ދެފަރާތު ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ޖޫރިމަނާ ދެއްކުމުގެ އިތުރުން، 23 މަހުގެ ޖަލު ހުކުމެއް މި ސީޒަނުގައި އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވި ރޮނާލްޑޯގެ މައްޗަށް ވަނީ އިއްވައިފަ އެވެ.

ނަމަވެސް، ސްޕެއިންގެ ގާނޫނު ބުނާގޮތުން، ނުރައްކާތެރި ކުށެއް ނުކުރާނަމަ، ދެ އަހަރަށް ވުރެ މަދު ޖަލު ހުކުމެއްގައި، ޖަލަށް ދާން ނުޖެހޭނެ އެވެ.

ކޯޓަށް ހާޒިރުނުވެ ވީޑިއޯ މެދުވެރިކޮށް ރޮނާލްޑޯގެ މައްޗަށް ހުކުމް އިއްވަން އެދެނު ނަމަވެސް، ކޯޓުން ވަނީ އެ ހުށަހެޅުން ގަބޫލުނުކޮށްފަ އެވެ. އަދި އެތަކެއް ނޫސްވެރިންނާއި، އާންމުންގެ މީހުން ކޯޓު ދޮށަށް އެއްވެފައިވާއިރު، ކޯޓު ހުރި އިމާރާތް ތެރެއަށް ކާރު ވައްދަން ރޮނާލްޑޯ ހުށަހެޅި ހުށަހެޅުން ވެސް މައްސަލަ ބެލި ފަނޑިޔާރު ވަނީ ބަލައިނުގަންނަން ނިންމައިފަ އެވެ.

ރޮނާލްޑޯގެ މައްޗަށް ދައުވާކޮށްފައިވަނީ، ރެއާލް މެޑްރިޑުގައި ކުޅުނު އިރު، 2011 އާއި 2014 އާދެމެދު ހަތަރު ފަހަރެއްގެ މަތިން، 14.7 މިލިއަން ޔޫރޯ (16.7 މިލިއަން ޑޮލަރު) ގެ ޓެކްސް ނުދައްކައި، އޮޅުވާލި ކަމަށް ތުހުމަތު ކޮށެވެ.

ޓެކްސްގެ ތުހުމަތު ތަކާ ގުޅިގެން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު ރޮނާލްޑޯ ކުރިން ބުނެފައި ވަނީ ޓެކްސް ދެއްކުމުގައި އޭނާ އަމަލު ކުރަނީ އިނގިރޭސި ވިލާތުގައި އޭނާ އަމަލު ކުރި ގޮތަށް ކަމަށާއި ސްޕެއިންގެ ވަކި ތަފާތު ގޮތަކަށް އަމަލު ނުކުރާ ކަމަށެވެ. އެހެންވެ ޓެކްސްގެ ތުހުމަތާ ގުޅިގެން ރޮނާލްޑޯ ވަނީ އޭރު ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ.