ހަބަރު

ސިފައިންނަށް ގާނޫނާ ހިލާފު އަމުރުތަކެއް ނުކުރާނަން: ރައީސް

މި ސަރުކާރުން ދިވެހި ސިފައިންނަށް އަންގާނީ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފުނުވާ އެންގުންތައް ކަމަށާއި ސިފައިންނަށް ގާނޫނާ ހިލާފް އަމުރުތަކެއް ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އަސާސީ ތަމްރީނުގެ 64 ވަނަ ކޯހުގެ ދަރިވަރުން، ސިފައިންގެ ހުވާ ކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ވެރިކަމާއި ހަވާލުވުމުން ފާޙަގަ ކުރެވުނީ ސިފައިންގެ އެތެރޭގެ ކަންތައްތައްވެސް އިސްލާހީ ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. ހުރިހާ ގިންތިއެއްގެ ސިފައިންނަކީވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރާ އަދި ޒިންމާތަކަށް ޖަވާބުދާރީވާ ބަޔަކަށް ހެދުމަށްޓަކައި ސިފައިންގެ ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި ސިފައިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭ، އަޅުގަނޑުމެން މިގައުމަށް އައިސް މިތިބީ ގާނޫނީ ވެރިކަން ކުރުމަށް، މި ސަރުކާރުން ދިވެހި ސިފައިންނަށް އަންގާނީ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފްނުވާ އެންގުންތައް، ހަމަގައިމުވެސް އަޅުގަނޑު ތިޔަ ބޭފުޅުންނަށް ގާނޫނާ ހިލާފް އަމުރުތަކެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސިފައިން ވައުދުވީ އެވައުދުތައް ފުއްދުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވާންވެސް ތައްޔާރަށް ތިބުމަށް ކަމަށެވެ. ހުވަޔަކީ ހަމައެކަނި ވަޒީފާގެ މުއްދަތަށް ދެމި އޮންނަ ހުވައެއް ނޫން ކަމަށާއި އެހުވައަކީ ގައުމީ ޖިހާދަށް ނިކުތުމުގެ ފުރަތަމަ ފިޔަވަޅު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހަޔާތުގެ ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ސިފައިންގެ މީހަކަށް ވެވިއްޖެ މީހަކީ މުޅި ހަޔާތުގައިވެސް ސިފައިންގެ މީހެއްކަން ހަނދާނުގައި ބަހައްޓަން ވާނެ ކަމަށެވެ. ވަޒީފާ ބަދަލު ކުރިނަމަވެސް ނުވަތަ ރިޓަޔާ ކުރި ނަމަވެސް އެހުވާ ބަދަަލުވެގެންނުދާނެ ކަމަށާއި އެހުވަޔާއެކު މަތިކުރެވުނު ޒިންމާތައް ދުވަހަކުވެސް ވަކިވެގެންނުދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ ދާއިމީ ގޮތެއްގައި އެއަށް ވަފާތެރިވާންޖެހޭނެ ވައުދެއް، މިއަދު ތި ސިފައިން ތި ގުޅިވަޑައިގަތީ މި ރާއްޖޭގެ އެންމެ ފަހުރުވެރި އަދި ޝަރަފުވެރި އާއިލާއާ، މި ބަދަހި ސަފުތަކުގެ ފަހުލަވާނުންނަކީ ވަރަށް ތެދުވެރި، ވަފާތެރި އަދި އަމާނާތްތެރި ބައެއް، ދިވެހި ސިފައިންގެ 127 އަހަރުގެ މާޒީ ހަނދާންކޮށްދެނީ ސިފައިންނަކީ ދުވަހަކުވެސް ގައުމަށް ގައްދާރުވާނޭ ބައެއް ނޫންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސިފައިންނަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަށްޗަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އެގޮތުން ސިފްކޯ ހިޔާގެ ފްލެޓްތަކުގެ މަސައްކަތް މިހާރަށްވުރެ އަވަސް ކުރުމަށްޓަކައި ހަރުދަނާ އުސޫލުތަކެއްގެ މަތިން އެފްލެޓްތައް ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ހިދުމަތަށް ނިކުމެތިބޭ ސިފައިންގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އާއިލާގެ މީހުން، ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ވެލްފަޔާގެ ކަންތައްތައްވެސް މިހާރަށްވުރެ ހަރުދަނާކޮށް ފަސޭހަކަމާއެކު އަވަހަށް ހިދުމަތް ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެން މި އަންނަނީ ރާވަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިފައިންގެ އެންމެ މުހިންމު ވާޖިބަކީ ތާއަބަދު ހަނގުރާމަކުރުން ނޫން ކަމަށެވެ. ހަނގުރާމައިގެ ނަސްރުންލިބޭ އުފަލަށްވުރެ މިނިވަންކަމާއި ސުލްހަވެރިކަން ގާއިމްވެފަ އޮތުމުން ލިބޭ ހިތްހަމަ ޖެހުން މާ ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.