ދުނިޔެ

ބަހުރެއިނަށް އަސްކަރީ އެހީ ދޭން އެމެރިކާ އިން އަލުން ފަށައިފި

Jun 30, 2015

އިންސާނީ ހައްގުތަކުގެ މައްސަލައިގައި އަސްކަރީ އެހީ ދިނުން ހުއްޓާލާފައި އޮތުމަށް ފަހު ބަހުރެއިނަށް އެފަދަ އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާ އިން އަލުން ފަށައިފި އެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒެއް ވެސް ހުރި ބަހުރެއިނަށް ދެމުން ގެންދިޔަ އަސްކަރީ އެހީ 2011 ގައި މެދުކަނޑާލީ އަރަބް ސްޕްރިންގުގެ ދުވަސްވަރު ސަރުކާރާ ދެކޮޅަށް ޝީއީން އިސްވެ ތިބެ ކުރި މުޒާހަރާތައް ވަަރަށް އަނިޔާވެރި ގޮތަކަށް ރޫޅާލުމާ ގުޅިގެންނެވެ. އެ ކަމުގެ ތެރޭގައި ގިނަ އަދަދެއްގެ ޝީއީން މަރުވި އެވެ .އެހެން ނަމަވެސް، ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވި

ގޮތުގައި ބަހްރެއިނުން ވަނީ އިންސާނީ ހައްގުތައް ކުރިއެރުވުމުގައި މުހިއްމު ކުރިއެރުންތަކެއް އޭގެ ފަހުން ހޯދާފަ އެވެ. އެ ގޮތުން، ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން ދޫކޮށްލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެފަދަ ކުރިއެރުންތައް ފާހަގަކޮށް، އެ މަގުން ކުރިއަށް ދިއުމަށް އެއްބާރުލުން ދިނުމަކީ މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ”. "އެކަމަކު، އިތުރު މަސައްކަތްތައް ކުރަން އަދިވެސް ބަހްރެއިން ސަރުކާރަށް ބާރުއަޅަމުން ގެންދާނަން."

އެކަމަކު، ބަހްރެއިނަށް ދޭން ނިންމާފައިވާ އަސްކަރީ އެހީގެ ތަފްސީލެއް އެމެރިކާ އިން ހާމައެއް ނުކުރެ އެވެ .އެމެރިކާގެ މި ނިންމުމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވަނީ ވަގުތުން ފާޑުކިޔަން ފަށާފަ އެވެ. އެ ގޮތުން، ހިއުމަން ރައިޓްސް ވޮޗް އިން ބުނީ އެމެރިކާ އިން އެ ބުނި ފަދަ އެއްވެސް ބަދަލެއް ބަހްރެއިންގެ އިންސާނީ ހައްގުތަކުގެ ދާއިރާގައި ފެންނަން ނެތް ކަމަށެވެ. އަދި ބަހްރެއިންގެ ޖަލުތަކުގައި ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން އެބަތިބި ކަމަށް ވެސް ބުންޏެވެ.

ބަހްރެއިނުން ވަނީ އެމެރިކާ އިން އިސް ނަގައިގެން އިސްލާމިކް ސްޓޭޓް) އައިއެސް)އާ ދެކޮޅަށް އިރާގާއި ސީރިއާގައި ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި ދާދި ފަހުން ބައިވެރިވެފަ އެވެ.