ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ތާއީދު ކުރައްވާ ޕީޕީއެމް އަދި ކޮންގްރަސް ޕާޓީގެ މަޖިލިސް މެންބަރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފި އެވެ.
ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާސިމާ މެންބަރުން ބައްދަލު ކުރައްވާ ފޮޓޯތަކެއް ޓްވީޓު ކުރައްވައިފަ އެވެ. ރައީސް ޔާމީނަށް ތާއީދު ކުރައް ވާޕީޕީއެމްގެ މެންބަރުންނާއި އަލަށް އުފައްދަން މަސައްކަތް ކުރާ ކޮންގްރަސް ޕާޓީގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ ވެސް ގާސިމާ ބައްދަލު ކުރެއްވި އެވެ.
ނިހާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގާސިމަކީ އަޑު އައްސަވާ ހައްލު ހޯއްދަވައި ދެއްވުމުގައި ލާމަސީލު ބެފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ.
ރައީސް ޔާމީންގެ މެންބަރުން ގާސިމްއާ ބައްދަލު ކުރެއްވީ ޖޭޕީ އާއި އެމްޑީޕީ މައްސަލަތަކެއް ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ބޮޑު ދެ ޕާޓީ މައްސަލަ ޖެހުނީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާނެ ގޮތަކާ މެދު ދެ ޕާޓީއަށް އެއްބަސްވުމަކަށް ނާދެވިގެނެވެ.
އެ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމާ ދެބޭފުޅުން ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން ދާއިރު މިފަހުން ގާސިމް ވަނީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޔާމީންގެ ދިފާއުގައި ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.
މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަ ކުރަން ނިންމާފައިވާ ވަކި ގޮތެއް ރިޔާސީ އިންތިހާބުގެ ކުރިން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް އެމްޑީޕީ އިން ވަނީ އެއީ އެއްބަސްވުމެއް ކަމަށް ގަބޫލު ނުކޮށް، އެއާ ހިލާފަށް ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމައިފަ އެވެ.