ހަބަރު

ކޮންގްރެސް ޕާޓީއަށް ހުއްދަ ނުދޭތީ، އީސީގެ މައްސަލަ ކޮމިޓީއަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ލަސް ކުރަމުން ދާ ކަމަށް ބުނެ އެ ކޮމިޝަންގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

"އަވަސް" އާ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އީސީއިން ކޮންގްރެސް ޕާޓީއަށް ވަރަށް ބޮޑަށް ތަފާތު ކުރަމުން ގެންދާ ކަމަށާއި އެ ޕާޓީގެ ފޯމްތައް ހަމައެއް ލަމައެއް ނެތި ބާތިލު ކުރަމުން ގެންދަނީ އެއްވެސް އުސޫލަކުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ މިނިވަން މުއައްސަސާއެއްގައި ހުންނަންޖެހޭ ސިފައެއް ނޫން ކަމަށާއި އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"ފޯމްތައް ބަލައި ފާސް ކުރަމުން ދަނީ މީގެ ކުރިން އެކަން ނުކުރާ ވަރަށް، ކޮންމެ ފޯމެއްގެ ހެކިވެރިޔާއަށް ވެސް އެބަ ގުޅޭ، ހެކިވެރިޔާ ފޯނު ނުނަގައިފި ނަމަ އެ ފޯމެއް ބާތިލުކޮށްލާ، މިއީ ޖެއްސުމުގެ އަމަލެއް، އީސީއިން ގަސްތުގައި ކޮންގްރެސް ޕާޓީއަށް ތާށި ކުރަމުން ދަނީ،" ނިހާން ވިދާޅުވި އެވެ.

އީސީ ހަރުދަނާ ކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާ މަޝްވަރާ ކުރެއްވި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.

"މީދޫ ދާއިރާގެ މެންބަރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މުގައްރިރަކަށް އިންނަވައިގެން މިހާރު ގެންދަވަނީ ދާއިރާގައި ކެމްޕެއިން ކުރައްވަމުން، ރޮޒޭނާއަށް އެކަން ނުވަންޏާ އެހެން ބޭފުޅަކު ހަމަޖައްސައިގެން ވެސް އީސީގެ މައްސަލަ ބަލަން އެބަ ޖެހޭ، އެކަމާބެހޭ ގޮތުން ގާސިމާ ވެސް މަޝްވަރާ ކުރިން،" ނިހާން ވިދާޅުވި އެވެ.

ކޮންގްރަސް ޕާޓީން މީގެ ދެ ހަފުތާ ކުރިން ވަނީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ހޯދުމަށް 3000 ފޯމް އީސީއަށް ހުށަހަޅައިފަ އެވެ. ނަަމަވެސް މިއަދާ ހަމަޔަށް ވެސް އެ ޕާޓީއަށް ހުއްދައެއް އީސީއިން ނުދެ އެވެ. އެ ކޮމިޝަނުން ބުނީ ކޮންގްރެސް ޕާޓީ އިން ވަގު ފޯމްތަކެއް ހުށަހެޅި ކަމުގެ ޝަކުވާ ލިބިގެން ފޯމްތައް އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އޭގެ ފަހުން ކޮންގްރަސް ޕާޓީގެ ހާހެއްހާ ފޯމު ބާތިލު ކުރުމަށް ފަހު އަނބުރަ ވަނީ ފޮނުވާލައިފަ އެވެ. ނަމަވެސް އެ ޕާޓީ އިން މި ހަފްތާގެ ތެރޭގައި އަލުން ވަނީ އިތުރު ފޯމްތަކެއް ހުށަހަޅައިފަ އެވެ.