ބޭރު ކުޅިވަރު

ޗެލްސީގައި ކެރިއަރު ނިންމާލަން އުންމީދުކުރިން: ޗެކް

ޗެލްސީގައި ކެރިއަރު ނިންމާލަން އުންމީދުކުރި ނަމަވެސް، އެ ޓީމު ދޫކޮށް އާސެނަލް އަށް ބަދަލުވީ ކުޅުމުގެ ފުރުސަތު ހޯދަން ބޭނުންވާތީ ކަމަށް ޗެކް ރިޕަބްލިކްގެ ތަޖުރިބާކާރު ގޯލްކީޕަރު ޕެޓާ ޗެކް ބުނެފި އެވެ.

 ޗެލްސީގައި 11 ސީޒަން ހޭދަކުރި ޗެކް ،33، އާސެނަލް އަށް ބަދަލުވީ 10 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ.

ޗެލްސީއާ 2004 ވަނަ އަހަރު ގުޅުނު ޗެކް އެ ކްލަބަށް 300 އަށްވުރެ ގިނަ މެޗު ކުޅެފައިވެ އެވެ. ޗެލްސީ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ހަތަރު ފަހަރު، އެފްއޭ ކަޕް ހަތަރު ފަހަރު، ލީގު ކަޕް ތިން ފަހަރު އަދި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.

ޗެލްސީގެ އެއްވަނަ ގޯލްކީޕަރުގެ މަގާމު ޗެކް އަށް ގެއްލުނީ މިދިޔަ ސީޒަންގައި ބެލްޖިއަމްގެ ޒުވާން ގޯލްކީޕަރު ތީބޯ ކޯޓުއާ އެ ކްލަބާ ގުޅުނު ހިސާބުންނެވެ. ޗެކް މިދިޔަ ސީޒަންގައި ޗެލްސީގެ ގޯލު ބެލެހެއްޓީ 16 މެޗުގަ އެވެ.

ޗެލްސީގެ ސަޕޯޓަރުންނަށް ފޮނުވި ސިޓީއެއްގައި ޗެކް ބުނެފައިވަނީ ޗެލްސީގެ ކެރިއަރު ނިންމާލަން އޭނާ އުންމީދުކުރި ކަމަށެވެ. އެކަމަކު ކުޅުމުގެ ފުރުސަތު ހޯދަން ބޭނުންވާތީ އެ ކްލަބް ދޫކޮށްލަން މަޖުބޫރުވީ ކަމަށެވެ.

"ދިރިއުޅުމުގައި ހުރިހާ ކަމެއް ބޭނުންވާ ގޮތަކަށް ނުވާނެ. މިދިޔަ ސީޒަންގައި ޗެލްސީގެ އެއްވަނަ ކީޕަރުގެ މަގާމު އަހަންނަށް ގެއްލުނީ. އެހެންވީމަ އަހަންނަށް މަޖުބޫރުވީ އެހެން ދިމާލަަށް ވިސްނަން. ކުޅުމުގެ ފުރުސަތު ހޯދައި، އާ ޗެލެންޖަކަށް ކުރިމަތިލުމަށް އަހަރެން ބޭނުންވީ،" ޗެކް ބުންޏެވެ.

ޗެކް ދޫކޮށްލަން ޗެލްސީގެ ކޯޗު ޖޯސޭ މޮރީނިއޯ ވެސް ބޭނުމެއް ނުވި އެވެ. އެކަަމަކު ކުޅުމުގެ ފުރުސަތު ހޯދަން ޗެކް އެހެން ކްލަަބަކަށް ބަދަލުވާން ބޭނުންވެއްޖެ ނަމަ، އެކަމަށް ހުރަސްނާޅާނެ ކަމަށް މޮރީނިއޯ ވަނީ ކުރިން ބުނެފަ އެވެ.