ވިޔަފާރި

އެޗްއައިއެޗްގައި ރޯދަ ވީއްލަން ނެތީ ކޯއްޗެއް؟

Jun 30, 2015

ގެއިން ބޭރުން ރޯދަ ވީއްލާ މީހުންގެ މެދުގައި ހުޅުލޭ އައިލެންޑް ހޮޓަލް (އެޗްއައިއެޗް) އަކީ ހުވަފެނީ މަންޒިލެކެވެ. މީގައި ސަބަބުތައް ގިނަ އެވެ. އެއް ކަމަކީ އެޗްއައިއެޗުގެ މެނޫގައި އެތަށް ރަހައެއް ހިމެނިފައިވުމެވެ. މި މެނޫގެ ރަހަބަލާ މީހުން ކުރަނީ އެންމެ ސުވާލެކެވެ. އެޗްއައިއެޗްފައި ރޯދަ ވީއްލަން ނެތީ ކޮން އެއްޗެއް ހެއްޔެވެ؟

"މިތަނުން ހުރިހާ ރަހައެއް ލިބޭ. އެހެންވެ އެންމެ ބޮޑަށް މިތަނަށް ގިނަ މީހުން އަންނަނީ،" ދިރާގުން މީޑިޔާ ތަކަށް އިއްޔެ ދިން ރޯދަ ވީއްލުމަށް ގޮސްހުރި ރަހުމަތްތެރިޔާ ޖަވާބަކީ މިއީ އެެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ހިންގަމުން ގެންދާ ފަސްތަރީގެ މި ހޮޓަލަކީ ކޮންމެ އަހަރެއްގެ ރޯދަ ވީއްލުމަށް ފުރިހަމަ އަށް ތައްޔާރުވާ ހޮޓަލެވެ. މި އަހަރުގެ ރޯދަ މަހު ވެސް އެޗްއައިއެޗްގެ ފަރު ކޮފީ ހައުސް އާއި އުޑުވިލާ ރެސްޓޯރެންޓުން ރޯދަ ވީއްލަން އަންނަ މީހުންނަށް ދަނީ މަރުހަބާ ކިޔަމުންނެވެ. އެގޮތުން މި ހޮޓަލުގެ އެންމެ މަތީ ފަންތީގެ ރެސްޓޯރެންޓު ކަމަށްވާ އުޑުވިލާ ރެސްޓޯރެންޓުގެ މެނޫތަކުން މި އަހަރުވެސް އަރަބި ރަހަތައް ލިބޭނެ އެވެ. އަދި ހޮޓަލުގެ ތިރީގައި ހުންނަ ފަރު ކޮފީ ހައުސް ރެސްޓޯރެންޓުން އިންޑިއަން ފުޑާއި އޭޝިޔާގެ ރަހަތަކުގެ އިތުރުން ދިވެހި "ރަހަތައް" ވެސް ލިބެ އެވެ.

ފަރު ކޮފީއައުސްގެ މެނޫގައި ދިވެހި ލުއި ކާނާގެ ބައެއް ބާވަތްތައް ވެސް ހިމަނާފައިވެ އެވެ. މީގެ އިތުރުން މިތަނުގެ ބުފޭގައި ހިމެނޭ "ޑެޒާޓް" ގެ އައިޓަމް ތަކަށް އަންހެން ކުދިން މަރުދޭނެ އެވެ.

"އައްދެ މިތަނުގައި އެބަހުރި ތެއްލި ކެޔޮ ވެސް،" މުޅިން އަލަށް އެޗްއައިއެޗަށް ރޯދަ ވިއްލަން ގޮސްހުރި ރަހުމަތްތެރިޔާ ހައިރާން ކަމާއެކު ބުނީ މިހެންނެވެ. މިއީ އެޗްއައިއެޗް އަށް އާ ކަމެއް ނޫނެވެ. ކޮންމެ އަހަރަކު ވެސް މިފަދަ އެތައް ރަހައެއް މިތަނުން ލިބެ އެވެ.

މި ތަނުގެ ކައްކާއިންނަކީ މި ދާއިރާއަށް އާ ބައެއް ނޫނެވެ. އެހެންވެ މިތަނުގެ ރަހަތައް މީރުވުމާ މެދު ސުވާލެއް ނޯންނާނެ ތާ އެވެ. އެޗްއައިއެޗުން ރޯދަ ވީއްލަން އަންނަ މީހެއްގެ އަރުތެރެއަށް އެދަނީ ކަލިނަރީ ޗެލެންޖާއި ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ކެއްކުމުގެ މުބާރާތްތަކުން ރަން ވަނަތައް ހޯދާފައިވާ ހުނަރުވެރިންގެ ރަހަ ތަކެވެ. ކައްކާ އިންނަކީ ދުނިޔޭގެ ފެންވަރުގައި ވެސް ހޮވާލެވޭނެ މީހުންނެވެ.

މީގެ އިތުރުން މި އަހަރު ވެސް އެޗްއައިއެޗުން ރޯދަ ވީއްލުމުގެ ގިނަ އިނާމު ތަކެއް ލިބެ އެވެ. މި ހިތް ގައިމު މާހައުލުން ރޯދަ ވީއްލަން ދާ މީހުންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި އެޗްއައިއެޗްގައި ޗުއްޓީ ހަދާލުމުގެ ފުރުސަތު ވެސް ހިމެނެ އެވެ.